މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމުކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި އެވެ.
އިއްޔެ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފެސިލިޓީ ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި އެކުންފުނީގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުންނާއި ފުވައްމުލަކު މަސްވެރިން ބައިވެރިވިއެވެ.
ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތްދެވޭގޮތަށް ގާއިމުކޮށްފައިވާ މި ފެސިލިޓީއަށް އެމްއެފްޑީއޭ އިން މިހާރު ވަނީ ހުއްދަ ދީފައެވެ. މިފްކޯއިން ބުނީ، މި ފެސިލިޓީ އޮޕަރޭޝަނައް ގެނައުމާއެކު، ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ.
މިދިޔަ އޮގަސްޓު މަހުން ފެށިގެން މިފްކޯއިން ދަނީ ފުވައްމުލައް ސިޓީ ބަނދަރުން މަސް ގަންނަމުންނެވެ.
މަސްވެރި ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި މިފްކޯއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. ފުވައްމުލައް ސިޓީން މިދިޔަ އޮގަސްޓު މަހުން ފެށިގެން މަސްގަންނަން ފަށާފައިވާއިރު، ސީދާ އައްޑޫ ސިޓީން މަސް އެކްސްޕޯޓްކުރުމަށް ވެސް ދަނީ ތައްޔާރޔވަމުންނެވެ. އަދި އައްޑޫ ސިޓީގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށް ވެސް މިފްކޯއިން މީގެކުރިން ބުނެފައި ވެއެވެ.
މީގެ އިތުރުން، މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމުގެ ޙާލަތު ރަނގަކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައ،ި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.