މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސް ރޭހެއް ބާއްވަން ނިންމައި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހެނބަދޫ ކައުންސިލުން ހުޅުވާލައިފި އެވެ.
”ނަލަނަލަ ހެނބަދޫ މަސްރޭސް 2025″ގެ ނަމުގައި ބާއްވާ މި މަސްރޭސް ބޭއްވުމަށް އޮންނާނީ 13 ޑިސެންބަރ 2025 ވާ ހޮނިހިރު ދުވަހުއެވެ.
މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމާއި، މި ސިނާޢަތަށް ހެނބަދޫގެ އިތުރު ޒުވާނުން ހޭލުންތެރިކުރުވައި ރަށުގެ މުޖުތަމަޢުގައި އެކަކު އަނެކަކަށް އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ކުރިޔަށްގެންދަން ނިންމި މި ރޭހުގައި ބައިވެރިވުމަށް ނަން ނޯޓްކުރުމުގެ ފުރުސަތު 11 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ނަންނޯޓް ކުރައްވާއިރު ޓީމު ލިސްޓާއި، ޓީމުގެ ނަމާއި އަދި މަހަށް ފުރާ އުޅަނދުގެ ނަން ނޯޓުކުރަންވާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. މަސްރޭހުގައި ނަންނޯޓް ކުރުމަށް ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ މަރްޔަމް ރީޝާ ރަޝީދު (ފޯން: 9175835) އަށް ގުޅުމަށް ކައުންސިލުން އެދިފައިވެއެވެ.
މަސްރޭހުގެ ގަވާއިދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭން ހުންނާނެކަމަށާއި، މަސްރޭހާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންނަމަ، ކައުންސިލް އިދާރާގެ ކައުންސިލް އެގޒެކެޓިވް އަލްފާޟިލް އަޙްމަދު ރަޝީދު (ފޯން: 7531753) އަށް ގުޅާލުމަށް ކައުންސިލުން އެދިފައި ވެއެވެ.