ޖަޕާނު ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ޕެޓްރޯލް ވެސަލްއެއް ހަދިޔާކޮށްފިއެވެ.
ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަރވެއިލެންސްގެ މަސައްކަތްތައް ޖަޕާނު ސަރުކާރުން ހަދިޔާކުރީ 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެކެވެ.
މި އުޅަނދު ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އެ ވެސަލްއާ ހަވާލުވެވަޑައިގެންނެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނެވެ. މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ، ޖަޕާން އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. .
މިއީ، ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި ސަރވެއިލެންސްގެ މަސައްކަތަށް ޖަޕާން ސަރުކާރުގެ ”އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް“ގެ ދަށުން ހަދިޔާ ކުރި އުޅަނދެކެވެ. މި އުޅަނދު އޮޕަރޭޓް ކުރުމަށް ރޭވިފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑްއާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ.
މި އުޅަނދު އޮޕަރޭޓް ކުރުމަށް ބޭނުންވާ ތަމްރީންތައް ޖަޕާނާއި ދިވެހިރާއްޖޭގައި ވަނީ ހިންގާފައެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކަސްޓަމްސްގެ 23 އޮފިސަރުން ބައިވެރިވެފައިވެއެވެ.