ހދ. ކުމުންދޫގައި، މަސް ކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރާ ބިންތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަސް ކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް ނިންމާފައިވަނީ ހދ. ކުމުންދޫގެ ބިނާވެށި ޕްލޭންގައިވާ ސިނާއީ ބިމުގެ ސަރަޙައްދުންނެވެ. އެގޮތުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކުމުންދޫގެ ބަނދަރު ސަރަޙައްދުގައިވާ އެމްޓީސީސީ ސައިޓްގެ އިރުމަތި ފަރާތުން 4000 އަކަފޫޓުގެ 2 ބިމެވެ. މި ބިންތައް ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 30 އަހަރު ކަމަށާއި، ބިމުގެ އަގުގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ މަހަކަށް އަކަފޫޓަކަށް 10 ލާރިކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ހދ. ކުމުންދޫ ކައުންސިލުން އިއްޔެ ވަނީ މި ބިންތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ބިން ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ނެގުމަށް ބޭނުންވާ ބިމަކަށް ވަކި ޕްރޮޕޯސަލް ފޮތެއްގެ ގޮތުގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ޕްރޮޕޯސަލަށް ރަޖިސްޓްރީކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ޕްރޮޕޯސަލް ހުށަހަޅާ ފޯމު ގަނެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.












