ލ. މާވަށުގައި އައިސް ޕްލާންޓަކާއި، ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ބޭނުންވާ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ހެދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުުރުސަތު އަލުން ހުޅުވާލައިފިއެވެ.
މާވަށުގައި 60 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއެކު، 40 ޓަނުގެ ސީވޯޓަރ ޓިއުބް އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަޝްރޫއަށް ބޭނުންވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަރު މޯލްޑިވްސް އިންޑްސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން ހުޅުވާލީ މިމަހުގެ10 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ ދިން ފުރުސަތުގައި، އެކަށީގެންވާ މިންވަރަށް ބައިވެރިން ކުރިމަތިލާފައި ނުވާތީ މިފްކޯއިން މިހާރުވަނީ މިމަސައްކަތައް އަލުންް ބިޑަށް ހުޅުވާލާފައެވެ.
މިފްކޯއިން އަލުން ބިޑަށް ހުޅުވާލާ މިހާރު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުންމަ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 25 މާޗް 2026 ވަނަ ދުވަހުގެ 12:00 އެވެ. ބިޑް ހުށަހަޅަންވާނީ ހަމައެކަނި contract@mifco.mv އީމެއިލް އެޑްރެހަށްކަމަށާއި، އެހެން އެއްވެސް އީމެއިލް އެޑްރެހަކަށް ފޮނުވާ ނުވަތަ ސީ.ސީ (CC) ކޮށްފައިވާ ބިޑްތައް ބާތިލުކުރުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވާކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 25 މާޗް 2026 ވަނަ ދުވަހުގެ 13:00 ގައެވެ. ބައްދަލުވުން ކުރިޔަށްދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް، ބިޑް ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ބައިވެރިންގެ ހާޒިރުގައެވެ. ބިޑް ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް، 25 މާޗް 2026 ވަނަ ދުވަހުގެ 12:00ގެ ކުރިން bid@mifco.mv އަށް އީމެއިލް ކުރުމަށް މިފްކޯއިން އެދިފައި ވެއެވެ.
މިފްކޯއިން ބުނީ މި ބައްދަލުވުމުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއް ނޫންކަމަށާއި އެއީ އިޚްތިޔާރީ ބައްދަލުވުމެއްކަމަށެވެ. އަދި، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ޕްރޮޕޯސަލް ހުށަހަޅާ ކޮންމެ ފަރާތަކީވެސް ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްގެ ގޮތުގައި ބެލެވޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މި ކަމާ ގުޅޭ މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ bid@mifco.mv އަށް އީމެއިލް ކޮށްދިނުމަށް މިފްކޯއިން އެދިފައި ވެއެވެ.
ލ.މާވަށުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، މާވަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މާވަށުގައި ގާއިމް ކުރާ އައިސްޕްލާންޓްގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނެވުމާއެކު، މާވަށާއި، ލ އަތޮޅު ހިމެނޭ ސަރަހައްދުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މިކަމުގެ މަންފާކުރާނެއެވެ.