ދ. ކުޑަހުވަދުއަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީީ ޓީމުން މިހާރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި މިއަދު ހެނދުނު ވަނީ ދ. ކުޑަ ހުވަދޫ ކަނދުފަތި، އެ އަތޮޅުގެ މާފުށީ ބޭރުގައި އަޅާފައެވެ. މިނިސްޓްރީން ބުނިގޮތުގައި އެ ކަނދުފަތި އެޅީ މާފުށީގެ ހުޅަނގު ދެކުނުން 6 މޭލު ބޭރުގަ އެވެ. އެ ކަނދުފަތީގެ ނަންބަރަކީ K08V03 އެވެ.
ދ. ކުޑަހުވަދޫ ވަދު ކަނދު ފައްޗާއެކު ދ އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދު ވަނީ 3 އަށް އަރާފައެވެ. މިއަހަރުތެރޭގައި ފިޝަރީޒް މިނިސްޓްރީން ވަނީ އެއަތޮޅު މީދޫ އަދި މާދެލީގައި ވަދު ކަނދިފަތިތައް އަޅާފައެވެ. މީދޫ ވަނދު ކަނދުފަތި އެރަށުގެ އިރުން 5.5 މޭލު ބޭރުގައި އަޅާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެތެރޭގައެވެ. އަދި މާދެލީ ކަނދުފަތި މާދެލީގެ ހުޅަނގުން 6 މޭލު ބޭރުގައި އަޅާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ރަށްރަށުގެ ޒުވާނުންނާއި، އަދި ސީދާ ކައުންސިލްތަކުންވެސް އެރަށްތަކުގައި ވަދުފަތިތައް އަޅައިދިނުމަށް އެދެމުންދަކަމަށެވެ. އަދި، ވަކި އުސޫލެއްގެ ދަށުން، އެންމެ ފައިދާވާނެގޮތަކައް ބަލައިގެން ރަށްރަށުގައި އަލަށް ވަދު ކަނދުފަތިއެޅުމުގެ މަސައްކަތް ކުރިޔަށްދާކަމަށް މީގެކުރިން މިނިސްޓްރީން ބުނެފައިވެއެވެ. ކަނދުފަތީގެ ވިއުގަ ފުޅާކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ ގިނަ ސަރަހައްދެއްގައި އިތުރު ވަދު ކަނދުފަތިތައް ގާއިމުކުރުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ފަރުމަސްވެރިކަންކުރާ މަސްވެރިންނަށާއި، މަސްވެރިކަމުގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި މަންފާއެއް ލިބިގެންދާނެއެވެ.