ހއ.އިހަވަންދޫ ސިނާއީ ސަރަހައްދުން މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ބިން ދޫކުރަން ނިންމައި، ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިހަވަންދޫ ކައުންސިލުން ބުނީ، އެރަށުގެ ލޭންޑްޔޫސް ޕްލޭންގައިވާގޮތުގެ މަތީން އިންޑަސްޓްރިއަލް ބިމުގެ ސަރަޙައްދުން، 3000އަކަފޫޓު ގެ 04 ބިން ދިގުމުައްދަތަކަށް ކުއްޔަށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މަސް ކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދިނުމަށް ނިންމާފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށްކަށެވެ. ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކުލީގެގޮތުގައި ހުށަހަޅަން ޖެހެނީ އަކަފޫޓަކަށް އެއް ރުފިޔާއަށްވުރެ ކުޑަ ނޫން އަގަކަށެވެ.
ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމަށްފަހު, ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންސިލުން މިއަދު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްއެދޭ އޮންލައިން ފޯމް ފުރާލައިގެން ޕްރޮޕޯސަލް ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ. ފޯމް ހުށަނާޅާ ފަރާތްތައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނުދޭނެކަމަށް ކައުންސިލުން ބުންޏެވެ.