މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
ހެނދުނު 0830 އިން މެންދުރު ފަހު 02:00 އާ ހަމަޔަށް ނެރުނު މި ސަމާލުގައި ބުނެފައިވަނީ މުޅި ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މިއަދު ކަނޑުތައް ގަދަވާނެކަމަށާއި، ރާޅު ނަގާނީ 4-7 ފޫޓު އުސްމިނުގައި ކަމަށެވެ.
ދިވެހިރާއްޖޭގެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރު ގަދަވެ، ކަނޑުގަދަވެ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަ ކުރުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މީގެ ކުރިންވެސް ވަނީ ލަފާކޮށްފައެވެ. އެގޮތުން މިމަހުގެ 13 އިން 17 ވަނަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެއިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުންވެސް ވަނީ އެންމެހައި ރައްޔިތުން މޫސުމަށް ސަމާލުވެ، އަމިއްލަ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއިި ވަކިން ޙާއްސަކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މެޓް އޮފީހުން ނެރެމުންދާ މޫސުމީ އިންޒާރުތަކަށް ސަމާލުވެ، އެކަންކަމާ ގުޅޭ އަދާހަމަ މައުލޫމާތު ހޯދައިގަތުމަށް އިލްތިމާސްކޮށްފައެވެ.
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށް އެމްއެންޑީއެފުން ބުނެފައިވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށެވެ. އަދި، ރޭގަނޑު ދަތުރުނުކުރުށާއި، މޫސުން ތަންނުދޭނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.