ނ. ލަންދޫ ބަނދަރު ބެލެހެއްޓުމާބެހޭ ގަވައިދަށް އަމަލުކުރަން ފަށައިފި އެވެ.
ލަންދޫ ކައުންސިލުން ބުނީ ”ނ.ލަންދޫ ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދު“ އަކީ، ލަންދޫ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެއްހަމަ ގޮތެއްގައި، ފަސޭހަކަމާއެކު ޚިދުމަތް ދިނުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ގަވައިދެއްކަމަށާއި، އިއްޔެއިން ފެށިގެން އެ ގަވައިދު ތަންފީޒުކޮށް، އެ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ފަށާފައިވާކަމަށެވެ.
މި ގަވައދުގައިވާގޮތުންނަމަ، އެރަށު ބަނދަރުގައި ހަރުކޮށްފައިވާ ބޯޑުތަކާއި ޚިލާފަށް އޮޑިދޯނިފަހަރު އެޅުމާއި، މުދާ ބާލައި އެރުވުމަކީ މަނާކަމެކެވެ. އަދި، މަސް މާރުކޭޓް ޢާންމުންނަށް ހުޅުވާލެވިފައިވާތީ، މަސް މާރުކޭޓް ފިޔަވައި ބަނދަރުގެ އެހެން ސަރަހައްދުތަކަށް މަސް ބޭލުމާއި، މަސް ކެނޑުމާއި، އަދި ފަޅުތެރެއަށް ގޮހޮރު އެޅުމަކީ މަނާކަމެކެވެ.
މި ގަވައިދަށް އަމަލުކުރަން ފެށުމާއި ގުޅިގެން ކައުންސިލުންވަނީ މިހާރު ބަނދަރު ވާޓަރާއި، އެއާ ގުޅިފައިވާ ސަރަހައްދާއި، ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި، 10 ޖަނަވަރީ 2026 ވަނަ ދުވަހުގެ ކުރިން ބަނދަރު ސަރަހައްދުން ނެގުމަށް ހުރިހާ ފަރާތްތަކަށް އަންމުކޮށް އަންގައި އިއުލާނުކޮށްފައެވެ. އަދި ދީފައިވާ މުއްދަތުގެ ފަހުން، ގަވާއިދާ ޚިލާފަށް ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެއްޗާއި، ގަވާއިދާ ޚިލާފަށް އަޅާފައިވާ އޮޑިދޯނިފަހަރާއި އަދި އެނޫންވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާމެދު، ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ ބަނދަރުގައި އޮޑިދޯނިފަހަރު އެޅުމުގައާއި، މުދާ ބާލައި އެރުވުމުގައި ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދާއި، ބަނދަރުގައި ހަރުކޮށްފައިވާ ބޯޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި، ބަނދަރަކީ ހުރިހާ އެންމެނަށް ލުއިފަސޭހަ ގޮތެއްގައި ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށްޓަކައި، ”ނ.ލަންދޫ ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދަށް“ ހުރިހާ ފަރާތްތަކުންވެސް އަމަލުކޮށް، ކައުންސިލަށް އެއްބާރުލުން ދިނުމަށް އެދިފައި ވެއެވެ.