ރ. މާފަރު ބޭރުގައި ދޮށީ ކަނދުފައްޗއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިއަދު އަޅާފައިވަނީ ކަނޑައިގެން ދިޔަ ރ. މީދޫ ކަނދުފައްޗެވެ. މި ފަހަރުވެސް ކަނދުފަތި އަޅާފައިވަނީ ކުރިންވެސް އެ ކަނދުފަތި އަޅާފައި އޮތް ސަރަހައްދުކަމަށްވާ، މާފަރުގެ ހުޅަނގުން 16 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަންބަރަކީ F08D02 އެވެ.
މިއަދު އެޅި ކަނދުފަތީގެ އިތުރަށް ރ އަތޮޅުގައި އިތުރު ދޮށީ ދެކަނދުފަތި އޮވެއެވެ. ކަނދޮޅުދޫ ކަނދުފަތި އަޅާފައި އޮންނަނީ ހުރާގެ ހުޅަނގުން 16.8 މޭލު ބޭރުގައެވެ. އަނެއް ކަނދުފަތި އޮންނަނީ ބޮޑުފަރު ހުޅަގުން 35 މޭލު ބޭރުގައެވެ.
ރޯދައަށް މެދުކަނޑާލުމަށްފަހު ފިޝަރީޒް މިނިސްޓްރީން މިވަނީ، ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. ރާއްޖޭގެ ދޮށީ ކަނދުފަތި ވިއުގައިގައި ހިމެނެނީ 65 ކަނދުފައްޗެވެ. މިވަގުތައް ބަލާއިރު ދޮށީ 5 ކަނދުފައްޗެއް ވަނީ ކަނޑައިގެން ގޮސްފައެވެ. ފިޝަރީޒް މިނިސްޓްރީން ވަކި އުސޫލެއްގެ ދަށުން ކަނޑައިގެންދާ ކަނދުފަތިތައް އަލުން ގާއިމުކުރަމުންދާއިރު، ކަނދުފަތި އަލުން އެޅުމުގައި ލަސްތަކެއް ކުރިމަތިވަނީ، އެކަމަކީ ބޮޑު ޚަރަދެއް ހިނގާކަމަކަށްވެފައި، މި ވަގުތު ކަނދުފަތި ހަދަމުން ގެންދަނީ އެންމެ މަރުކަޒަކުން ކަމަށްވާތީއެވެ.