މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުގެ މާސްޓަރ ޕްލޭންއަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
”ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާސްޓަރ ޕްލޭން (2026-2045)“ އަކީ މަސްވެރިކަމުގެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލާތައް ތަރައްޤީކޮށް ރާވާހިންގޭނެ މަގު ދައްކުވައިދޭ މަގު ޗާޓެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުގެ 20 އަހަރު ދުވަހުގެ މާސްޓަރޕްލޭން ފަރުމާ ކުރާއިރު ހައްލު ހޯދަންޖެހޭނެ ކަންކަން ޚިޔާލު ހުށަހެޅުމަށްޓަކައި އޮންލައިން ފޯމެއް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މި ހަރަކާތުގެ އެންމެ މުހިއްމު ބަޔަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ހޯދުން ކަމަށާއި، އާންމުކޮށްފައިވާ ފޯމު މެދުވެރިކޮށް މަސްވެރިކަމުގައި ދިމާވާ ގޮންޖެހުންތަކާއި، ސިޔާސަތުތަކާއި، ފަރުމަސްވެރިކަމުގެ ދާއިރާއާއި ކަނޑުގެ ވަސީލަތްތަކާމެދު ދެކޭގޮތާއި އަދި ބޭނުންވާ ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ފޯމް މެދުވެރިކޮށް ހުށަހަޅާ މަޢުލޫމާތުތަކަކީ ދިގު ރާސްތާއެއްގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ތަރައްޤީ ބައްޓަންކުރާނެ ގޮތުގެ ތަޞައްވުރުތައް ކަނޑައެޅޭނެ މުހިންމު މައުލޫމާތަކައްވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ހުށަހަޅާ ތަފާތު ތަޖުރިބާއާއި އެކިއެކި ވިސްނުންތަކާއި ނަޒަރިއްޔާތާއި އަދި މި ދާއިރާގެ މިސްރާބު ހުންނަންވީ ގޮތުގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް މި މަގުޗާޓުގެ އަސާސްތަކާއި ވިސްނުން ކަނޑައެޅުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އޮޑިވެރިންނާއި، ކެޔޮޅުންނާއި، ކެޕްޓަނުންނާއި، މަސްވެރިންނާއި، ކަނޑުމަސް ނުވަތަ ފަރުމަސްވެރިންނާއި، މަސް ޕްރޮސެސް ކުރާ ވިޔަފާރިވެރިންނާއި، މަސްޕްރޮސެސް ކުރާ ދާއިރާއެއްގެ ވަޒީފާގައި އުޅޭ ފަރާތަކާއި، މަސް ގަނެ ސަޕްލައި ކުރާ ފަރާތްތަކާއި، ރިސޯޓު ތަކަށް މަސް ސަޕްލައިކޮށްދޭ ފަރާތްތައް ހިމެނެއެވެ.