ކަނޑައިގެން ދިޔަ ހއ.ކެލާ ދޮށީ ކަނދުފަތި އަލުން އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިހާރު އުތުރަށް ކުރަމުންދާ ދަތުރުގައި، މި ކަނދުފަތި އަޅާފައިވަނީ ކުރިންވެސް އެ ކަނދުފަތި ގާއިމުކުރި ލޮކޭޝަންކަމަށްވާ، ހއ.ކެލާގެ އުތުރުން 17 މޭލު ބޭރުގައެވެ. މިއީ މި ލޮކޭޝަންގައި ކަނދުފަތި ގާއިމުކުރި 3 ވަނަ ފަހަރެވެ.
އަލަށް ގާއިމުކުރި ދޮށީ ކަނދުފަތީގެ ނަންބަރަކީ، B09D01-03 އެވެ.
ދޮށީ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. އެކަނދުފަތިތަކުގެ ވަށައިގެންވާ ސަރަހައްދުގައި ދޮށީ މަސްވެރި އުޅަނދުފަހަރަށް ދަތިވާގޮތައް އެހެނިހެން މަސްވެރިކަން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.
ރާއްޖޭގެ ކަނދުފަތި ވިއުގައަށް ބަލާއިރު މިވަގުތު 65 ދޮށީ ކަނދުފަތި އެބަައޮތެވެ. އޭގެތެރެއިން 4 ކަނދުފަތި ގާއިމުކޮށްފައިވަނީ ހއ އަތޮޅުގައެވެ.