40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
ހއ އަތޮޅުން ފެށިގެން ތ އަތޮޅާހަމަށް ހުދު ސަމާލު ނެރެފައިވަނީ މެންދުރު 12:30 އިން އިރުއޮއްސި 06:30 އާ ހަމަޔަށެވެ.
ސަމާލު ނެރެފައިވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްނެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ކުރިޔަށް އޮތް24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އާންމުކޮށްފައިވާ ނިމުތުގައި ބުނެފައިވަނީ، އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް ބުނެފައިވެއެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، 4-7 ފޫޓު އުސްމިނުގައި ރާޅު ނަގާނެކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.