ގއ.މާމެންދޫއަށް ނިސްބަތްވާ ސީ ޕްރޯ މަސް އޮޑި މިއަދު އެންދަމަން ތައްޔާރުވަމުންދަނިކޮށް ދިމާވި ހާދިސާއެއްގައި އެ އޮޑީގެ ތިން ފަޅުވެރިއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
އޮޑީގެ ކެޔޮޅުކަމަށްވާ ފިރާގު ވިދާޅުވީ، މިހާދިސާ ހިނގީ މިއަދު މަހަށް ނިކުންނަންވެގެން، އެންދަމަން ގއ. ބޯއްޑޫ ކައިރީ ފަރަށް އޮޑި އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. މިހާދިސާ ހިނގީ މިއަދު ހަވީރު 05:40 ހާއިރުއެވެ.
”އެމަށް ދިއްލަން ދޯނި އަޅަން ރެޑީ ވާން އުޅުމުގެ ތެރޭގައި މިކަން މިދިމާވީ. އަސްލު ނަގިލި ބާލަން ވައްޓާލައިގެން ބޭރަށްދަނިކޮށް މަޅިއެއް އަރައިގެން ވާ އުފުރައިގެން އައި ގަޑީގައި ދިރުނބާ ކޮޅަށް ވެއްޓިގެން ތިން ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް މިވީ. ކެޔޮޅު ވިދާޅުވިއެވެ.
މިހާދިސާގައި ޒަޚަމްވީ އޮޑީގެ ފަޅުވެރިން(މަސްވެރިން)ކަމަށްވާ ސާޖިދު، ވަހީދު އަދި ފާއިޒަށެވެ. މީގެ ތެރެއިން ސާޖިދާއި، ވަހީދަށް ގއ.ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ. މި ހާދިސާގައި އެންމެ ބޮޑުވަރުވީ ފާއިޒަށެވެ. މިހާދިސާގައި ފާއިޒުގެ ދަތް ބިންދައިގެންގޮސްފައިވާއިރު، ބޯވެސް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ކޮނޑުހުޅަށްވެސް ބޮޑެތި އަނިޔާ ލިބިފައިވާކަމަށް ކެޔޮޅު މައުލޫމާތު ދެެއްވިއެވެ. ފާއިޒުއަށް ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމަށް މިހާރު ތައްޔާރުވެފައިވާކަމަށް ކެޔޮޅު ވިދާޅުވިއެވެ.
މިހާދިސާއަށް ފަހު އޮޑި އަލުން ދަތުރުފަށައި މިވަގުތު ދިއްލައިގެން އެންދެމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކެޔޮޅު މައުލޫމާތު ދެއްވިއެވެ.