އެކުއަކަލްޗަރ އަދި ކަނޑުގެ ވަސީލަތްތައް މެނޭޖްކުރުމުގެ މަސައްކަތްތަކައް އެއްބާރުލުންދިނުމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އާއި ޗައިނާގެ ފުޖިއަން ފިޝަރީޒް ރިސަރޗް އިންސްޓިޓިއުޓް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އެތާނގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލްއެވެ.
ފިޝަރީޒް މިނިސްޓީގެ ދަށުން ހިންގަމުން އަންނަ އެމްއާރްއައިއާ އެކު ވެވުނުު މި ފަހުމުނާގައި ދެމެހެއްޓެނިވި އެކުއަކަލްޗަރ އަދި ކަނޑުގެ ވަސީލަތްތައް މެނޭޖްކުރުމުގެ ދާއިރާގައި ކުރެވޭ ދިރާސާތަކަށް އަމާޒުކޮށް، އައު އަދި ތިމާވެއްޓާ ރައްޓެހި އެކުއަކަލްޗަރ ޓެކްނޮލޮޖީތައް އެކުގައި ތަރައްޤީކޮށް، އަދި ކަނޑުގެ ދެމެހެއްޓެނިވި މެނޭޖްމަންޓް ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ އިސްތިރާޖީ އެއްބާރުލުން ހަރުދަނާކުރުން ހިމެނެއެވެ.
ދިވެހިރާއްޖެގެ މެރިކަލްޗަރ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޗައިނާގެ މެރިކަލްޗާ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކުވެސް ފަހުމުނާމާއެއްގައި މިމަހުގެ ދެވަނަދުވަހު ވަނީ ސޮއިކޮށްފައެވެ. އެފަހުމުނާމާގެ ދަށުން ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނުން ރާއްޖޭގައި ކުރުމަށް ތައްޔާރުވަމުން އަންނަ އިންވެސްޓުމެންޓުތަކާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަށް މަގުފަހި ކުރުން ހިމެނެއެވެ.
މީގެއިތުރުން އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެކުވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެކެވެ.