ދިވެހި ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގަން ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމަކީ، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ތިން މަސްދުވަހުގެ މުއްދަތަކައް ކުރިޔަށްގެންދާ މި ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މިގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މިޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކުރިޔަށްގެންދަން ރާވާފައިވާ މި ޕްރޮގްރާމުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުޤުވެރިވާ އަދި މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ، އުމުރުން 24 އަހަރުން ދަށުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން އިއްޔެ ވަނީ ހުޅުވާލާފައެވެ. ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތުދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނަކަށްކަމަށާއި، މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 27 އޮގަސްޓް 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާއެކު އީމެއިލް ކުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު ގެޒެޓުން ޑައުންލޯޑް ކޮށްލެވޭނެއެވެ.