ފަރަށް އެރި ”ގަސްކުރި“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ކޯސްޓްގާޑުން ފުންކޮށްފި އެވެ.
ތިން މީހުންނާއެކު ދަތުރުކުރި ”ގަސްކުރި“ ދޯނި ފަރަށް އަރާފައިވަނީ، މާލެއިން ފުރައިގެން ސިކްސް އެންޑް ސިކްސް ދޮންމާގަ މޯލްޑިވްސް ރިސޯޓަށް ދަތުރުކުރަމުންދަނިކޮށްނެވެ. 70 ފޫޓްގެ މި ދޯނި އެ ރިސޯޓު ކައިރި ފަރަކަށް އުރުނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ސިކްސް އެންޑް ސިކްސް ދޮންމާގަ މޯލްޑިވްސް ރިސޯޓަށް ބޭނުންވާ ހިލައާ ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ދޯނި ފަރަށްއެރިކަން އެމްއެންޑީއެފްއަށް ރިޕޯޓްކުރުމާއެކު އެމްއެންޑީއެފް މާލެއޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދިޔައީ ހަރަކާތްތެރިވާން ފެށިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ، މި ހާދިސާގައި ފަރަށް އެރި ދޯނިން ބޮޑު ތަނެއް ފަޅައިގެން ގޮސް، ދޯނީގެ ބޮޑު ބައެއް ފެނުއަޑީގައި އޮތުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން އިތުރަށް ބެލުމަށް ފަހު، ސެލްވޭޖް މަސައްކަތަށް ބޭނުންވާ ސާމާނު ހޯދައި، ތާނގީ ފީފާ ޖަހައި ކުރި މަސައްކަތުން މިއަދު 16:05ހާ އިރު ދޯނި ފުންކޮށްފައިވާކަމަށެވެ. އަދި އެދޯނި އެހެން އުޅަނދެއްގައި ޓޯވްކޮށްގެން މިހާރު ތިލަފުށްޓަށް ގެންދިއުމަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑިއެފްއިން ބުނެފައި ވެއެވެ.