މަސްވެރިންނަށް ބީއެމްއެލްއިން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމުގައި، ބޭންކުން ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ފިޝަރީޒް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މަސްވެރިން ނަގާ ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނީ، މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއި އެކު މަސްވެރިންނަށް ލިބޭ އާމުދަނީގެ މައްޗަށް ބަލައިގެން ކަމަށެވެ. މިގޮތުން އަހަރު ތެރޭގެ އެކި މަސްތަކުގައި ލޯނު އަނބުރާ ދެއްކުމަށް ދައްކަންޖެހޭ އަދަދު ތަފާތުވާނެ ކަމަށާއި، އެކަން ބިނާވާނީ މަސްވެރިންނަށް އާމުދަނީ ލިބޭ މިންވަރުގެ މައްޗަށް ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.
“ އެކި ވަޒީފާތައް އަދާކުރާ މީހުންނާއި އެއްގޮތަށް، މަސްވެރިންނަށްވެސް ބޭންކުން ދޫކުރާ ހުރިހާ ކްރެޑިޓް ފެސިލިޓީތައްވެސް ލިބޭނެ. ރަހުނަކާއި ނުލައި އަދި އިކުއިޓީއަކާއި ނުލައި، ތިންލައްކަ ރުފިޔާ އާއި ހަމައަށް ޕަރސަނަލް ފައިނޭންސިން ނުވަތަ ލުއިލޯނު ލިބޭނެ.“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.












