މި ސަރުކާރުން މަސްވެރިންނަށް މިހާތަނަށް 787 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިން އަތުން މިފްކޯއަށް މަސްގަތް ފައިސާގެ ”ބެކްލޮގް“ ސަރުކާރުން ޚަލާސްކުރިކަން ހާމަކުރައްވާ މިނިސްޓަރު ޓްވިޓަރގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު މަސްވެރިންނަށް ނުދައްކާ އޮތް 250 މިލިއަނަށްވުރެ ބޮޑު އަދަދުގެ ބެކްލޮގު އެއްކޮށް މިހާރު ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިގޮތަށް ރޯދަމަހުގެ ކުރިޔަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ މިސަރުކާރުން މިހާތަނަށް ޖުމުލަ 787 މިލިއަން މަސްވެރިންނަށް ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.












