ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) ގެ އެހީތެރިކަމާއެކު ފަށާފައިވާ ”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ ގެ ދަށުން ކުރިއަށްގެންދާ އަސާސީ މެރިކަލްޗަރ ކޯސް ޖުމްލަ 53ފަރާތަކުން ފުރިހަމަކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މި ސަރުކާރަށް 2 އަހަރުފުރުމާއި ގުޅިގެން އެ މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައިވާގޮތުންނަމަ، މި 2 އަހަރު ތެރޭގައި އަސާސީ މެރިކަލްޗަރ ކޯހުގެ 4 ބުރެއް ކުރިއަށްގެންގޮސްފައި ވެއެވެ. އެގޮތުން، މި ހަތަރު ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންހެން ބައިވެރިންވެސް ހިމެނޭގޮތައް 53 މީހުން ތަމްރީންވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިކޯސްތައް ކުރިޔަށްގެންދިޔައީ ކ.މަނިޔަފުށީގައެވެ.
ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މިކޯހުގައި، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް އެ މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދީފައި ވެއެވެ.












