މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) މިހާރު އޮތީ، އެ ކުންފުނީގެ ފެސިލިޓީތަކުން މަސްއޮޑިފަހަރަށް ތެޔޮ ކްރެޑިޓަށް ދޫކުރޭވޭނެ ހާލަތެއްގައި ނޫންކަމަށް އެކުންފުނިން ބުނެފިއެވެ.
ގިނަ އަދަދެއްގެ އޮޑިފަހަރު، މަހަށް ފުރާ މިންވަރަށް ޑީސަލް ނުލިބިގެން މަހަށް ނުފުރި ބަނދަރުކުރަން ޖެހިފައިވާ މައްސަލައިގައި މިފްކޯއިން ބުނީ، ތެޔޮ ލިބޭ މިންވަރަކުން ހުރިހައި ފެސިލިޓީ ތަކަކުން ފައިސާ ދައްކާ ގޮތަށް ތެޔޮ އަޅައިދޭނެކަމަށެވެ. އަދި، ކުންފުނީގެ މިހާރުގެ ހާލަތު އޮތްގޮތުން އެއްވެސް އޮޑިއަކަށް މިވަގުތު ތެޔޮ ކްރެޑިޓަށް ދެވެން ނެތްކަމަށް މިފްކޯއިން ބުންޏެވެ.
”މިހާތަނަށް ކުރެވުނު މަސައްކަތުން ކްރެޑިޓަށް ތެޔޮ ދޫކުރެވޭނެ މަގެއް އަދި ނުފެނޭ. ކްރެޑިޓަށް ތެޔޮ ދޫކުރެވޭ ހާލަތެއްގައެއް ނޫން މިފްކޯ އޮތީ. ތެލުގެ ހުރިހާ ކޮންޓްރޯލެއް އޮންނަނީ އެސްޓީއޯއަށް. މަސްވެރިކަން ދަށްވެފައި އޮންނަތާ 5 މަހާ ހަމައަށް ގޮސް މިފްކޯގެ ބެކްލޮގް ބޮޑުވެގެން އެސްޓީއޯއިން ތެޔޮ ލިބުން މިވަގުތު ވަރަށް ދަތި. އަދި އެކަން ހައްލު ކުރެވޭތޯ މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން. މިވަގުތަށް އެސްޓީއޯއިން ލިބުނީ ލިމިޓެޑް ސްޓޮކެއް.“ މިފްކޯއިން ބުންޏެވެ.












