މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން މެރިން މެކޭނިކް ކޯހުގެ އާ ބެޗެއް ފަށަން ތައްޔާރުވެއްޖެއެވެ.
އެމްޓީއައިއިން ބުނީ، މި ކޯސް ފަށަން ހަމަޖެހިފައިވަނީ، ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހު އެމްޓީއައިގެ މާލޭ ކޭމްޕަހުގައި ކަމަށާއި، ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކުރެވޭނެއެވެ. އަދި admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެއެވެ.
30 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގައި ދަސްކޮށްދޭނީ މެރިން، އިލެކްޓްރިކަލް، އިލެކްޓްރޯނިކް އަދި ކޮންޓްރޯލް އިންޖިނިއަރިންގެ އިތުރުން، މެއިންޓެނަންސް އަދި ރިޕެއަރކުރުންކަމަށް އެމްޓީއައި ބުނެފައިވެއެވެ. މީގެއިތުރުން ކަމާގުޅުންހުރި ގަވާއިދުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ މައުލޫމާތާއި، ކަނޑުމަތީގެ ރައްކާތެރިކަމާއި ފުރަތަމަ އެހީ ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޓީއައިން ބުނެފައިވެއެވެ.
މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ ގިނަ ކޯސްތަކެއް ހިންގަ އެވެ. އޭގެތެރޭގައި ނިޔަމިކޯސް-1، ނިޔަމިކޯސް-2، މެރިން މެކޭނިކްކޯސް، ފަޅުވެރިންގެ ކޯސް ހިމެނެއެވެ. މީގެ އިތުރުން ސައިބަރ ސެކިއުރިޓީއާއި، އާޓިފިޝީއަލް އިންޓެލިޖެންސާއި، އިލެކްޓްރިކަލް އިންސްޓޮލޭޝަން ދަސްކޮށްދޭ ކޯސްތައްވެސް ހިންގައެވެ.