ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ، މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
މިގޮތުން ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ކޯސްޓްގާޑުން އިލްތިމާސްކުރާކަމަށެވެ.
އަދި ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކްޓް އަޅައި، އިތުރަށް ސަމާލުވެލެއްވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައި ވެއެވެ.