ގދ. ގައްދޫ ބަނދަރު ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ%95 މަސައްކަތް ނިމިފައިވާކަމަށް، އެމަޝްރޫއުގެ ކޮންޓެރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ.
މަޝްރޫއުގެ އަދާހަމަ ހާމަކުރަމުން އެމްޓީސީސީން މިއަދު ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮލާޑް ލައިޓްތައް ހަރުކުރުމުގެ މަސައްކަތާއި، އޮޑިދޯނިފަހަރު އެހެލުމަށް ޚާއްޞަކޮށްފައިވާ ރޭމްޕް ސަރަޙައްދުގެ މަސައްކަތްކަމަށެވެ. އަދި މި މަޝްރޫޢުގެ މުޅި ޖުމްލަ މަސައްކަތުގެ 95.23 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
ޑިޒައިން އެންޑް ބިލްޑު އުސޫލުން ގައްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. 38.4 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 365 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެމްޓީސީސީއިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 2022 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ. އޭގެ އިތުރުން 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 320 މީޓަރުގެ ސްކައުރިން އޭޕްރަންއެއް ހެދުމާއި، 1,600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، 26 މީޓަރު ދިގުމިނުގެ ދެ މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.