މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން މިމަހު ކުރިޔަށް ގެންދަން ނިންމާފައިވާ ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-2 ކޯހުގެ ކިޔެވުން މާދަމާ ފަށާނެކަމަށް އެއިންސްޓިޓިއުޓުން ބުނެފިއެވެ.
އެމްޓީއައިއިން ބުނީ، ކޯހުގެ ކިޔެވުން މާދަމާ އެމްޓީއައިގެ މާލޭ ކޭމްޕަހުގައި ފަށާނެކަމަށާއި، ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށެވެ. އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ނުވަތަ admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް ނަންނޯޓްކޮށްލެވޭނެއެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B,C އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މިކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން އަދި އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އާންމު ދޯނީގެ މައުލޫމާތު ދަސްކޮށްދޭނެކަމަށް އެމްޓިއައިން ބުނެފައިވެއެވެ. 30 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގައި، ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކަން އިނގޭ އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައްވެސް ބައިވެރިވެވިދާނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.
މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ ގިނަ ކޯސްތަކެއް ހިންގަ އެވެ.