މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން އަންނަމަހު ފަށަން ނިންމާފައިވާ ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-2 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީއައިއިން ބުނީ، މި ކޯސް ފަށަން ހަމަޖެހިފައިވަނީ، އަންނަ އެޕްރީލްމަހުގެ 5ވަނަ ދުވަހު އެމްޓީއައިގެ މާލޭ ކޭމްޕަހުގައިކަމަށެވެ. އަދި، ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް އެމްޓީއައިއިންބުންޏެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކުރެވޭނެއެވެ. އަދި admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެއެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B,C އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މިކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން އަދި އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އާންމު ދޯނީގެ މައުލޫމާތު ދަސްކޮށްދޭނެކަމަށް އެމްޓިއައިން ބުނެފައިވެއެވެ. 30 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގައި، ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކަން އިނގޭ އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައްވެސް ބައިވެރިވެވިދާނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.
އެމްޓީއައި އިން އަންނަ މަހު ފަށަން ހަމަޖެހިފައިވާ އިތުރު ކޯސްތަކުގައިވެސް ބައިވެރިވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މީގެތެރޭގައި، 05 އެޕްރީލްގައި މާލޭގައި ހިންގަން ހަމަޖެހިފައިވާ މެރިން މެކޭނިކް ކޯހާއި، އެޕްރީލް 15 ގައި މާލޭގައި ފަށާ ނިޔަމިކަމުގެ ކޯސް-1 ހިމެނެއެވެ.