މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން މަސް ކެނޑުމުގެ މުބާރާތެއް ބާއްވަން ނިންމައި، އެ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިކަން އާންމުކޮށް އެ މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މުބާރާތް ބާއްވަނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރަށްކަމަށްވާ ދ. ދުވާފަރުގައި ކަމަށެވެ. 13 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު، ރ. ދުވާފަރުގައި ބާއްވަން ހަމަޖެހިފައިވާ މު މުބާރާތަކީ، ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކޮށް މިއީވެސް މަސްވެރި ސިނާއަތުގައި މުހިއްމު މަސައްކަތެއްކަން އަންގާދިނުންކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
ދެޖިންސުގެ ބޭފުޅުންނަށް އަމާޒުކުރެވިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވެވެނީ ދުވާފަރުގައި ދިރިއުޅެމުންދާ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. މިނިސްޓްރީން ބުނެފައިވާގޮތުގައި މި މުބާރާތް ކުރިޔަށް ގެންދާނީ ކޮންމެ ގިންތިއަކުން8 ފަރާތްހިމެނޭ ގޮތައްކަމަށެވެ. އަދި މުބާރާތުގެ ބައިވެރިން ހޮވާނީ މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ ތަރުތީބުންކަމަށް ބުނެފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު 27 ނޮވެންބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ. މިނިސްޓްރީން ވަނީ، މިމުބާރާތުގެ ގަވާއިދުވެސް އާންމުކޮށްފައެވެ. އޭގައިވާގޮތުންނަމަ، މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތްތަކަށްވެސް 2 މަސް ހަވާލުކުރެވޭނެއެވެ.މަސް ކަނޑާއިރު ކަރުއަޅައި، ބޮލާއި ކަރުގަނޑު ވަކިކޮށް، ހަންދަމައި، ކިބަކުރުމަށްފަހު، ކަށިއަރު ނަގާ 4 ގަނޑު ވަކިކުރަންޖެހެއެވެ. މުބާރާތުގައި ވަނަ ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތިންވެސް، ހަވާލުކުރި މަސް އެންމެ ފުރިހަމަޔަށް، އަވަހަށް ކަނޑާ ނިންމާ ފަރާތްތަކުގެ ތެރެއިން 2،1 އަދި ތިންވަނައަށެވެ.
މުބާރާތުގެ ވަނަތަކާއި އިނާމު:
*1 ވަނަ:5،000 ރުފިޔާގެ ފައިސާގެ އިނާމު
*2 ވަނަ:3،000 ރުފިޔާގެ ފައިސާގެ އިނާމު
*3 ވަނަ:2،000 ރުފިޔާގެ ފައިސާގެ އިނާމު
މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީގޮތުން ދުވާފަރުގައި ފާހަގަކުރުމަށް ނިންމާފައިވާއިރު، ފިޝަރީޒް މިނިސްޓްރީއާއި ދުވާފާރު ކައުންސިލް ގުޅިގެން ގިނަ ހަރާކާތްތަކެއް ދަނީ ރާވަމުންނެވެ. އޭގެ ތެރޭގައި މަސް ކެނޑުމުގެ މުބާރާތުގެ އިތުރުން، ފަރުމަސްވެރިކަމުގެ ރޭހަކާއި، ”ރަހަވަރު“ގެ ނަމުގައި ކުރިޔަށް ގެންދަން ނިންމާފައިވާ ކެއްކުމުގެ މުބާރާތަކާއި، މަސްވެރިންގެ ގުންޒަރާއި ކުޑަކުދިންގެ ހަވީރެއް ހިމެނެއެވެ.
ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ. މިއަހަރު ފާހަގަކުރަނީ 45 ވަނަ މަސްވެރިންގެ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޑިސެންބަރުމަހުގެ 13 ވަނަ ދުވަހު ރ. ދުވާފަރުގައެވެ. އެ ޖަލްސާގައި ތިން އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ، ތަޖުރިބާކާރު ކެޔޮޅާއި، ޚިދުމަތްތެރި ޒުވާން ކެޔޮޅާއ،ި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ.