ރާއްޖެއާ ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުގެދަށުން ޗައިނާއަށް ބޭރުކުރާ މުދަލަށް ހޯދަން ޖެހޭ ސެޓިފިކެޓް އޮފް އޮރިޖިން ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ، އަންނަ ހުކުރުު ދުވަހުން ފެށިގެން ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓް ކުރާ މުދަލަށް ސެޓްފިކެޓް އޮފް އޮރިޖިން ހޯދުމަށް އެދި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އެދޭކަމަށެވެ.
ސެޓްފިކެޓް އޮފް އޮރިޖިން ހޯދުމަށް ކަސްޓަމްސް ޕޯޓަލްއަށް ލޮގިން ވުމަށްފަހު، މެނޫއިން ”ރިކުއެސްޓް“ ސެލެކްޓްކޮށް، ”ސެޓްފިކެޓް ރިކުއެސްޓް“ އިން މި ޚިދުމަތަށް އެދެވޭނެކަމަށާއި، ސެޓްފިކެޓް އެޕްރޫވް ވުމުން، ކަސްޓަމްސް ޕޯޓަލް އިން ފެންނަންހުންނާނެ ކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް އެ ސެޓްފިކެޓަށް ފައިސާ ދެއްކޭނެކަމަށްވެސް ކަސްޓަމްސްއިން ބުނެފައި ވެއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އަދި، މި އެއްބަސްވުމަށް އަމަލުކުރަންފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަހާއި ސީފުޑްގެ ބާވަތްތައް ސުން ރޭޓުގައި ޗައިނާގެ މާކެޓަށް އެކްސްޕޯޓް ކުރެވެއެވެ. މީގެ ސަބަބަުން، ރާއްޖޭގެ މަހުގެ އެކްސްޕޯޓް އިތުރުކުރެވި، މަހުގެ ބާވަތްތައް ޕްރޮސެސްކުރުމަށް މަގުފަހިވެ، އެކްސްޕޯޓްގެ ފެންވަރު އިތުރުކުރެވި ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް، ރަނގަޅު އަގެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން މީގެކުރިން ބުނެފައިވެއެވެ.