މަސް ކެއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް ތ. ގުރައިދޫން ބިން ކުއްޔަށް ދޫކުރުމަށް ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން އާންމުކޮށް ހުޅުވާލައިފި އެވެ.
ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން ނިންމާފައިވަނީ، އެރަށުގައި މަސް ކެއްކުމާއި، ލޮނުމަހުގެ މަސައްކަތް ކުރުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައިވާ ބިންތަކުގެ ތެރެއިން 1 ނަންބަރު ބިމާއި، 2 ނަންބަރު ބިމެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑު މިނަކީ، 3873.03 އަކަ ފޫޓެވެ. 10 އަހަރު ދުވަހުގެ މުއްދަތަކަށް ބިން ކުއްޔަށްދޫކުރަން ކައުންސިލުން ނިންމާފައިވަނީ ބީލަން އުސޫލުންނެވެ. ބީލަމުގައި ބިމުގެ އަގަށް ހުށަހެޅޭނީ މަހަކު އަކަފޫޓަކަށް -/15 (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށްކަމަށް ގުރައިދޫ ކައުންސިލުން ބުނެފައި ވެއެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ބިމަށް ކުލިދައްކަންޖެހޭނީ ބިމާ ހަވާލުވާތާ ތިންމަސް ފަހުން ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
ބީލަންވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 8ވަނަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވަން ނިންމާފައިވާއިރު، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކޮށް، ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބުދޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 8ވަނަ ދުވަހުގެ 14:00 ގެ ކުރިން، procurement@thaaguraidhoo.gov.mv އަށްް އީމެއިލް ވެސް ކުރެވިދާނެއެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ މިމަހުގެ 13ވަނަ ދުވަހުގެ 11:30 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި، ބީލަން އިވެލުއޭޓް ކުރާނީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ.