ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި ފަށައިފިއެވެ.
ވާރލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގައި، ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) މަޝްރޫއުގެ ދަށުން ފަށާފައިވާ ފަރުމަހުގެ މަސްވެރިކަން މޮނިޓާ ކުރުމުގެ މި ސާވޭ އަކީ މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ(އެމްއެމްއާރްއައި)ގެ ސައިންސް އަދި ދިރާސާ ޓީމުން މިއަހަރު ކުރިއަށްގެންދާ 6 ވަނަ ސަވޭ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ސާވޭތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކުން ރަށު ފެންވަރުގެ މަސްވެރިކަމާއި އޭގެ ސަބަބުން ފަރުމަހުގެ އަބާދީއަށް ކުރާ އަސަރުތައް އިތުރަށް ދެނެގަތުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ދިރާސާގެ ތެރެއިން އެއްކުރެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެގެންދާނެކަމަށެވެ.
ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭ ކުރިއަށް ގެންދަނީ މ.މުލި ކައުންސިލާއި އެ ރަށުގެ މަސްވެރިންނާއި، މަސް ޕްރޮސެސްކުރާ ފަރާތްތަކާއި، މަސް ގަންނަ ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ. މިނިސްޓްރީން ވަނީ އެ ފަރާތްތަކުންދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.
ޓްރާންސްފޯމް މަޝްރޫއުގެ ދަށުން މީގެ ކުރިން ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައިވެސް ސާވޭ އެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށް ހިންގާ ޓްރާންސްފޯމް މަޝްރޫއަކީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި، އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމާޒުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ސިންދަފާތު ކުރުމަށް ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އޮންނަ އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ.
ޓްރާންސްފޯމް މަޝްރޫއުގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ. އެއީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ރާއްޖެއަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ.