1447 ވަނަ އަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު މަސް ކުންފުނި، މިފްކޯގެ މުވައްޒަފުންނަށް ދީނީ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.
މި ސެޝަނަކީ، މަރުޙަބާ ރަމަޟާން“ ޝިޢާރުގެ ދަށުން އިސްލާމިކް މިނިސްޓްރީއާ މިފްކޯ ގުޅިގެން ބޭއްވި ސެޝަނެކެވެ. މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ސެޝަންގައި މަޢުލޫމާތު ދެއްވީ އައްޝައިޚް ޙަސަން ތައުފީޤު އެވެ.
މިފްކޯ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ސެޝަންގައި ރަމަޟާންމަހަށް ތައްޔާރުވުމާއި، ރަމަޟާންމަސް މުހިންމުވާ ސަބަބުތަކާއި، ރޯދައާ ގުޅޭ ފިޤުހީ ޙުކުމްތަކާއި، ރޯދަވެރިޔާގެ އަޚްލާޤާއި، ރޯދަމަހަށްފަހު ޢަމަލުތައް ބަހައްޓަންވާ ގޮތާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައި ވެއެވެ.
މިފްކޯއިން ބުނީ، މި ހަރަކާތަކީ ބަރަކާތްތެރި ރަމަޟާންމަހާ ކުރިމަތިލާއިރު ދީނީގޮތުން ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި ރޫޙާނީގޮތުން ތާޒާކޮށް އިޚްލާޞްތެރިކަމާއެކު އަޅުކަމުގެ މައްސަރު ފަށައިގަތުމަށް މުވައްޒަފުންނަށް ބާރުއެޅުމުގެ މަގްސަދުގައި ކުރިޔަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.