45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް ބާއްވާނެ ރަށެއް ކަނޑައެޅުމުގައި، މަސްވެރި ރަށްރަށަށް އިސްކަންދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް ހުޅުވާލާފައިވާކަން އާންމުކޮށް އެންގުމުގެ ގޮތުން އަތޮޅު ކައުންސިލްތަކަށް ފިޝަރީޒް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، ރަށް ކަނޑައެޅުމުގައި މަސްވެރި ރަށްތަކަށް އިސްކަންދޭނެކަމަށެވެ. އެގޮތުން މަސްވެރި ރަށެއްކަމުގައި ބެލުމުގައި ރިއާޔަތް ކުރާނީ އެރަށުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނާއި، މަސްވެރި އުޅަނދުފަހަރުގެ އަދަދަށްކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް ބާއްވާ ރަށް ކަނޑައެޅުމުގައި ބަލާނެ އިތުރު 5 ނުކުތާއެއް ސާކިއުލާގައި ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި، މިއަހަރު ގައުމީ ފެންވަރުގައި ފާހަގަކުރާ އެހެން ދުވަހެއް އެރަށެއްގައި ފާހަގަކުރާ ރަށަކަށް ނުވުމާއި، އެރަށެއްގައި މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައިވާނަމަ، އެ ހަރަކާތް ބޭއްވިތާ 5 އަހަރުވެފައިވުމާއި، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެ ރަށުގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ބެލުން ހިމެނެއެެވެ. އިތުރަށް ބަލާނެ ކަންތައްތަކުގެ ތެރޭގައި އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުމާއި، ރަށަށް އަރާ މެހެމާނުންނަށް މަރުހަބާ ކިޔުމުގެ އިންތިޒާމުތަކާއި، މަސްވެރިންގެ ދުވަހުގެ އިހްތިފާލްތަކުގައި ބައިވެރިވާ މެހެމާނުން ބޭތިއްބުމުގެ އިންތިޒާމްތަކާއި، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރަށުގެ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާނެކަމަށް ބުނެފައި ވެއެވެ.












