މުލަކަތޮޅު ދިއްގަރުގައި، ބަނދަރު ސަރަޙައްދުން ޕެޓްރޯލް އަދި ޑީސަލް ވިއްކާނެ ޝެޑެއް ހަދައި އޮޕަރޭޓް ކުރުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.
ދިއްގަރު ކައުންސިލުން ބުނީ، ތެލުގެ ވިޔަފާރިކުރުމަށް ދޫކުރަނީ އެރަށުގެ ބަނދަރުގެ އިރުމަތީ ފަރާތު ހުރަސް ތޮއްޓާއި އިންވެގެން އޮތް ބިމުން 1844.50 އަކަފޫޓްގެ ސަރަހައްދެއްކަމަށެވެ. ދިއްގަރު ލޭންޑްޔޫސް ޕްލޭންގައި ރަށުގެ ބަނދަރު މަތީގައި ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރުމަށް ކަނޑައެޅިފައިވާ މި ބިން ކުއްޔަށް ދޫކުރަނީ 20 އަހަރުގެ މުއްދަތަކަށެވެ.
ބިން ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުުރުސަތު މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވެނީ ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ ފީ ކަމުގައިވާ 2،000.00 ރުފިޔާ ދެއްކުމުންނެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި މިރޭ 23:59 އަށް ހަމަވާނެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޕާޓްނާޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނާޝިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
ބީލަން ހުށަހެޅުން އޮންނާނީ އޮކްޓޯބަރު 30 ވަނަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.