”ބަލްމާ-6“ ބޯޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެހި މީހާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރަމުންދިޔަ ”ބަލްމާ-6“ ބޯޓް، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ބޯޓުގައި ދަތުރުކުރި 4 މީހުންގެ ތެރެއިން ދެ މީހަކު ސަލާމަތްކޮށްފައިވާއިރު، އޭގެއިން ދަތުރު ކުރި ދެމީހަކު ގެއްލިގެން އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ.
މިހާދިސާގައި ގެއްލިގެން ހޯދަމުންދިޔައީ ދިވެއްސަކާއި ބިދޭސީއެކެވެ. އެމްއެންޑީއެފުން ދެންމެ ބުނީ ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ކައިރިން ފެނިފައިވާކަމަށެވެ. އަދި ހަށިގަނޑު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާކަމަށެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ ދެވަނަ މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށެވެ. އަދި، އެ މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށް އެމްއެންޑިީއެފުން ބުންޏެވެ.
ބަންޑުންޖަހާލި މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި މިހާރު އޮޔާ ދާތީ، އަ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.