ސަރުކާރު މަސް ކުންފުނި. މިފްކޯއިން ހިންގަމުން އަންނަ ކޫއްޑޫ ފިޝަރިޒް ކޮމްޕްލެކްސް މަސްކިރަން ބޭނުންކުރާ ކައްޓާ އަންނަޑިސެމްބަރުމަހުގެ 10އެއް އަންނަންވާއިރަށް ޑިޖިޓަލްވެފައި ހުންނާނެކަމުގެ ޔަގީންކަން މިފްކޯގެމެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޢާ ޖެނެރަލް(ރިޓާޔަޑް) ފަރުހަތު ޝަހީރު ދެއްވާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް – ހަފްތާ 104“ މި ނަމުގައި، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ކޫއްޑޫއަކީ އެންމެ ގިނަ މަސްވެރިން ބޭނުންކުރާ އެއް މަރުކަޒުކަން ފާހަގަކުރައްވައި އެތަން އިތުރަށް ތަރައްގީކުރުމަށް ކުރިޔަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްދާގޮތް އޮޅުންފިލުއްވައިދެއްވިއެވެ.
”އެތަނުގަ(ކޫއްޑޫ) ހިނގަމުންދާ ބޭރު ފަންޑެޑް ޕްރޮޖެކްޓާ އަދި ސަރުކާރުން މިފްކޯއިން ސީދާ ކުރަމުންދާ މަސައްކަތްތައް މިހާރު އެދަނީ ހިނގަމުން އެކަމުގެ ތެރޭގަ ކުރިން ދިޔަ ދުވަސްތަކެއް… ބޭރުގެ ފަންޑިންގ ގެތެރެއިން ބައެއް ކަންކަމުގެ ތެރެއިން ވަގުތުތަކެއް. އެހެން ނަމަވެސް ވަރަށް ރަނގަޅަށް މީހާރު އެވަނީ ރިސްޓާޓް ވެފަ.“ ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ކޫއްޑޫ ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށްގެންދަނީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިންނާ ވަރަށް ގާތުންކަން ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކޫއްޑޫގަައި މަސްކިރަން ބޭނުންކުރަމުން އަންނަ ކައްޓާގެ މައްސަލަކަމަށެވެ. އަދި، މިކަން ހައްލުކުރުމަށް ކުރުމުގެގޮތުން، މިހާރު ބޭނުންކުރާ ކައްޓާ ޑިޖިޓަލްކުރުމަށް މިފްކޯއަށް ދަންނަވާފައިވާކަމަށާއި، އަންނަ ޑިސެންބަރުމަހުގެ10އެއް އަންނައިރު ކައްޓާ ޑިޖިޓަލްވެފައި ހުންްނާނެކަމުގެ ޔަގީންކަން މިފްކޯއިން ދީފައިވާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
”މީ އެންމެ ބޮޑަށް މަސްވެރިން ހަމަ ވަރަށް ޖާއިޒު ގޮތެއްގަ މައްސަލަ ޖައްސާ ކަމެއް. އެ ކައްޓާއިން ކިރާ ނިމޭއިރުގަ މަސްކޮޅުގެ ދެބައިކުޅަ އެއްބައި އޮންނަނީ އަގު ގެއްލިފަ. އެހެންވެ އެ ކައްޓާ ބަދަލުކުރަންޖެހޭ. ޑިޖިޓަލް އެއްކަލަ މޯލްޑިވްސް 2.0 އަށް މިދަނީ، ޑިޖިޓަލް ކުރަނީ މި ކައްޓާ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ… މިހާރު މިފްކޯއަށް ދަންނަވާފަ އޮންނާނީ. މިހާރު މިފްކޯ އެމްޑީ ވެސް ޔަގީންކަން ދެއްވި ޑިސެމްބަރު 10 އަކަށް ކައްޓާތައް ހުންނާނީ ޑިޖިޓަލް ވެފައޭ. އޭރުން ދެތިން ކިލޯ އެބަ ސަލާމަތްވޭ ނޫނީ އަގު އެބަ ލިބޭ އަގު ލިބުނީމަ މިހާރު 16ރުފިޔާއަށް އެ ޖެހޭ ތަންކޮޅު. ތަންކޮޅެއް ވިއްސާ ގާތް ވެސް ވާނެ.“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެތެރެއިން، މަސްވެރިންނަށް ފައިސާ ގަވައިދުން ދޫކުރުމަކީ އޭގެތެރެއިން އެންމެ މުހިންމު އެއްކަންތައްކަން ފާހަގަކުރައްވައި، ކުރީ ސަރުކާރުން ވާރުތަވި 200އަށް ވުރެ ގިނަ މިލިއަން ރުފިޔާގެ ބެކްލޮގް ޚަލާސްކޮށް، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތައް މިދިޔައަހަރުގެ ޑިސެންބަރު މަހުގެ 10 އިން ފެށިގެން، މެދުނުކެނޑި 48 ގަޑީއިރުގެ ތެރޭގައި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދައްކަމުން އަންނަކަމަށް ވިދާޅުވިއެވެ.
”މިދިޔަ ޑިސެމްބަރ 10އަކުން ފެށިގެން މިހާރު އެއް އަހަރު ވާން ނޫންތޯ މިދަނީ އެންމެ ދެވަހެއްވެސް ނުވެއްޓޭނެ ބަރާބަރަށް ފައިސާ ދެމުން މިދަނީ، ބަރާބަރަށް ފައިސާދަނީ ހަމަ އެއީ ބަންދު ދުވަހެއް ކަމުގަވިޔަސް އެއީ ރޯދަމަސް ކަމަށް ވިޔަސް އީދު ދުވަސް ކަމުގަ ވިޔަސް ކޮންމެ ދުވަހެއް ކަމުގަ ވިޔަސް އަޅުގަނޑުމެން މިއަދާ ހަމަޔަށް އައި އިރުގަ މި އައީ ބަރާބަރަށް އެ ހުރިހާ ފައިސާއެއް ދޫކުރަމުން.“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކާ މިފަދަ ކަންކަމަށް ސަރުކާރުން ސަމާލުކަންދެމުން އަންނަކަމަށާއި، މީގެ ނަތީޖާއެއްގެގޮތުން، މަސްވެރިކަމާ ދުރަށް ދިޔަ މީހުން އަނބުރާ މަސްވެރިކަމަށް އައުމާއި، ކުރިން ދޯނި ވިއްކާލި ފަރާތްތައްވެސް އަނބުރާ ދޯނި ހޯދަން އުޅޭކަމަށެވެ. މިހެންމިވީ ބަރާބަރަށް ފައިސާ ލިބޭނެކަމުގެ ޔަގީންކަން އޮތުމުންކަމަށް ރައީސް ވިދާޅުވިއެވެ.