ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މިއަދު ހަވީރު 18:00 އަށް މޫސުން ކުރިޔަށް ލަފާކޮށް އެ އިދާރާއިން ބުނެފައިވަނީ، ރާއްޖޭގެ އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި މެދުރާއްޖެއާއި ދެކުނުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރައި، ގުގުރާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.