ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ދަންވަރު 01:00 އިން މާދަމާ ހެނދުނު 07:00 އާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދު ހިމެނޭ ސަރަހައްދަށެވެ. އެސަރަހައްދުގެ އަތޮޅުތަކަށް ސަމާލު ނެރެފައިވާ ވަގުތުތަކުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހުޅަނގު މޫސުމްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ވަނީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފްގެ އިލްތިމާސްގައި، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައި ވެއެވެ. އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުުގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.