މާލޭ ނޯތު ހާބަރުގައި މަސްވެރި އަޮޑިފަހަރަށް ޚާއްސަކޮށްފައިވާ ސަރަހައްދު ޑިޒައިން ކުރާނީ މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްތައް ލިބޭނެފަދަގޮތަކަށްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްއިން ބުނީ، ނޯތު ހާބަރުގެ ޑިޒައިން ވެގެން ދާއިރުގަ މަސްވެރިންނަށް ޚާއްސަ ސަރަހައްދުގައި ދަތިނުވެ އެމީހުންނަށް ފަސޭހަ ހިދުމަތްތަކަކާއި އެއްކޮށް ބަނދަރު މެނޭޖު ކުރެވިގެން ދާނެކަމަށެވެ. އަދި، މިހާރު ނުލިބޭ ފެސިލިޓީސް ތަކާ އެއްކޮށް އެތަން މެނޭޖްކުރަން ރާވާފައިވާކަމަށެވެ. އެގޮތުން ފެނާއި، ކަރަންޓްގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނައިރު، މުސްތަގުބަލުގައި އެތަނުން ތެޔޮ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާނެކަމަށް އެމްޕީއެލްއިން ބުންޏެވެ.
”މިހާރުވެސް ބަނދަރު ބޭނުންކުރައްވަމުންދާ މަސްވެރި އުޅަނދުތަކަށް އެއްވެސް އުނދަގުލެއްނެތި، އެތަން ބޭނުންކުރެވޭނެ، އެކަމަކު ޑިޒައިންވެގެން ދާއިރު މިހާރު އެއުޅޭ ސަރަހައްދު ބަދަލުވެގެންވެސް ހިނގައިދާނެ ކުޑަކޮށް. އަޅުގަނޑުމެން މިދަނީ އޭތި ބަލަމުން، ކިހިނެއްތޯ އެންމެ ރަނގަޅުވާނީ، އަދި ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަމުން މިދަނީ.
ހިދުމަތް ލިބޭނެ އެއްވެސް ގޮތަކަށް އުނދަގުލެއްނެތި، މަސްވެރިންނަށް އެލިބޭ ހިދުމަތް ހަމަ ލިބިގެންދާނެ. އަޅުގަނޑުމެން އެބޭފުޅުންނާ މަޝްވަރާ ކޮށްގެން އެންމެން އެދޭ ގޮތަކަށް ކުރިޔަށްގެންދާނީ“ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީން ވިދާޅުވިއެވެ.
މަސްވެރިން މީގެ ކުރިން ބުނެފައި ވަނީ ނޯތު ހާބަރު ބޭނުންކުރުމުގައި އެންމެ ދަތިވާ އެއް ކަމަކީ މަހުން ލަފަން ބަލާއިރު، މަސްވެރިންނަށް ޚާއްސަ ސަރަހައްދުގައި ސަޕްލައި ދޯނި އެނޫނީ މުދާއުފުލާ އުޅަނދުތައް އަޅާފައި އޮތުމުން އެންމެ ބޭނުންޖޭހެ ވަގުތުގައި އެ ސަރަހައްދުން ޖާގަ ނުލިބޭ މައްސަލައެވެ. މި މައްސަލައިގައި މުއީން ވިދާޅުވީ، ނޯތު ހާބަރުން ސީދާ މަސްވެރިންގެ ސަރަަހައްދު ބަލަހައްޓަން ފަށާއިރު، މަސްވެރިންނަށް މިހާރު އެދިމާވަމުން އަންނަ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
”މިކަމަށް ވަރަށް ބޮޑަށް ހައްލުވެގެން ދާނެ އިނގޭތޯ؟ އެއީ އަޅުގަނޑުމެން މިކަން ކުރިޔަށް ގެންދާނީ ސިސްޓަމެއްގެ ތެރެއިން. މީތި މެނޭޖު ކުރާނީ އެންމެނަށް ވެސް އެ ފުރުސަތު ލިބޭގޮތަށް، ހަމަ ދޯނި ފަހަރު އެތާ އަޅައިގެން ތިބޭ ގޮތަކަށް ނޫން. އެންމެންނަށް ވެސް އެ ފުރުސަތު ލިބޭގޮތަށް.“ މުއީން ވިދާޅުވިއެވެ.
ނޯތު ހާބަރަށް ގެންނަ ބަދަލާއެކު. ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އެއީ، މުދަލާއި ފަސިންޖަރުން އުފުލުމަށް 54 އުޅަނދަކަށް އަދި މަސް ދޯނި ފަހަރަށް 20 ޖާގަ ލިބޭ ގޮތަށެވެ. އަދި ކިއު ތަރުތީބުން 25 އުޅަނދަކަށް ވެއިޓިންގަ ތިބެވޭނެ އިންތިޒާމުވެސް ހަމަޖައްސާނެކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ.
މަސްވެރިންނަށް ޚާއްސަ ސަރަހައްދު ހިމެނޭހެން، މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު، އެމްޕީއެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމަޔަށް ހިންގުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިިދިޔަ ޖޫން މަހުގެެ 4 ވަނަ ދުވަހުއެވެ. މިއާއެކު އެ ސަރަހައްދުވެސް ހިންގަމުންދަނީ މާލޭ ނޯތު ހާބަރުގެ ފަރާތުންނެވެ. ހިންގުމަށް މިގެނެވުނު ބަދަލާއި ގުޅިގެން، މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އުޅަނދުތައް 2025 އޮގަސްޓް 1 ގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރުމަށް އެމްޕީއެލްއިން ވަނީ ފުރުސަތު ދީފައެވެ. ހާބަރ ސޮފްޓްވެއަރގެ ޕޯޓަލް **local.port.mv **މެދުވެރިކޮށް މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ކުރުމުގެ އިތުރުން ބޭނުންވާ ހިދުމަތްތަކަށްވެސް ”ރިކުއެސްޓް“ ކުރެވޭނެއެވެ.
އެމްޕީއެލްއިން ބުނީ ޕޯޓަލްގައި ނުކުރާ އުޅަނދުފަހަރަށް ޚިދުމަތް ނުލިބޭނެކަމަށެވެ. އަދި 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ހާބަރުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް މާލޭ ނޯތު ހާބަރު ހިންގުމުގެ އުސޫލުގައި ވާގޮތަށް އަމަލުކުރަންފަށާނެ ކަމަށްވެސް އެމްޕީއެލްއިން ބުނެފައި ވެއެވެ.
އެމްޕީއެލްއިން މިހާރު ދަނީ ހާބަރުގެ ކީވޯލް މަރާމާތުކުރުމުގެ މަސައްކަތާއި، އުޅަނދުތައް ވާ އައްސާ މޫޓާއި، ފައްތިޔާ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އޮޑިފަހަރަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.