ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) ގެ އެހީތެރިކަމާއެކު ފަށާފައިވާ ”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ ގެ ދަށުން މި އަހަރު ކުރިއަށްގެންދާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގަމުން އަންނަ މި ޕްރޮގްރާމްގެ މި އަހަރުގެ ދެވަނަ އަސާސީ މެރިކަލްޗަރ ކޯސް ކުރިޔަށްގެންދަން ނިންމާފައިވަނީ 08 އޮގަސްޓް އިން 20 އޮގަސްޓް ގެ ނިޔަލަށް، ކ. މަނިޔަފުށީގައެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ، މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައެވެ. މި ފަހަރުގެ ކޯހުންވެސް 15 ފަރާތަކަށް ފުރުސަތު ދޭންވަނީ ނިންމާފައެެވެ. ކޯހުގައި ބައިވެރިވާން ޝައުޤުވެރިއްވާ ފަރާތްތަކުން 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުއްވުން ފިޝަރީސް މިނިސްޓްރީން އެދިފައިވެއެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފާވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ކ. މަނިޔަފުށީގައި ހަމަޖެހިފައިވާއިރު، ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމުވެސް ހަމަޖައްސަނީ ފިޝަރީޒް މިނިސްޓްރީންނެވެ.
”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ އަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ، ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށް މަގުފަހިވާނެގޮތަށެވެ. އެގޮތުން، މިޕްރޮގްރާމްގެ ދަށުން މި ހިންގާ ބޭސިކް މެރިކަލްޗަރ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތަކުގެތެރޭގައި،އެކުއާކަލްޗަރގެ ނިޒާމުތައް، ދިރޭ ކާނާ އާލާކުރުން، މަހުގެ ބަޔޮލޮޖީ، ފާނަ އާލާކުރުން، ހުއިފި ލަނޑާ އާލާކުރުން، ދިވެހި މާގަނޑު މަސް އާލާކުރުން، އިތާމުތް އާލާކުރުން އަދި މޫދުވިނަ ހަދައި އާލާކުރުން ހިމެނެއެވެ. މީގެ އިތުރުން، އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުމާއި، އެކުއާކަލްޗާރ ކުރާއިރު ތިމާވެށި ރައްކާތެރިކުރާނެ ގޮތްތައް ދަސްކޮށްދެއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. އެމަނިކުފާނުގެ އިރުޝާދާއެކު، ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް ވަނީ އިތުރުކޮށްފައެވެ.