ކަންނެލި މަސް ފެކްޓަރީ ގާއިމުކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާ ރަސްމީކޮށް ޙަވާލުކޮށްފި އެެވެ.
ބިން ހަވާލުކުރުމަށް އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމް އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
މަސް ފެކްޓަރީ އެޅުމަށް އެޗްޑީސީން ހަމަޖައްސައިދީފައިވަނީ ކަންނެލި ޖެޓީގެ މަގަތަށް އޮންނަ ސަރަހައްދުން 25،000އަކަފޫޓްގެ ބިމެކެވެ. މި ބިމުގައި ގާއިމުކުރަނީ 35ޓަނުގެ ކަންނެލި ޕްރޮސެސްކުރެވޭ ފެސިލިޓީއެކެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން ގާއިމުކުރާ މި ފެކްޓަރީގެ މަސައްކަތް އަންނަ އަހަރަށް ނިންމާލެވޭނެކަމަށް މީގެކުރިން ސަރުކާރުން ބުނެފައިވެއެވެ.
ކަންނެލި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހުޅުމާލޭގައި ޤާއިމުކުރެވޭ ފެކްޓަރީގައި، ކަންނެލި ޕްރޮސެސް ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނުވަތަ ފަރާތްތަކަށް މަސް ޕެކްކުރުވޭނެ މާހައުލެއް ގާއިމުކުރެވިގެންދާނެއެވެ. އަދި، ކަންނެލި ޖެޓީން މިހާރު މަސްވެރިންނަށް ތެޔޮލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގެގޮތުން، ފެކްޓަރީގައި ތެޔޮ ސްޓޮކްއެއް ބަހައްޓަން ނިންމާފައި ވެއެވެ. މި ފެސިލިޓީ ނިމިގެންދިއުމާއެކު، ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ހައްލުވެގެންދާނެކަމަށް ބެލެވެއެވެ.
މި މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ.