ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރީސޯސަސްއިން ކުރިއަށް ގެންދާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ދަށުން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއްގެ ޑިޒައިން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރުމުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތުގެ ބޭނުމަކީ، މިވަގުތު މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެ ހުރިހާ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ގޮތަކަށް އުޅަނދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނީ މަސްވެރިންނާއި އަދި މަހުގެ އެކިބާވަތްތައް ތައްޔާރުކުރާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައި މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން، ބާނާމަހުގެ ކޮލޮޓީ ރަނގަޅުކުރުމާއި، ކަނޑުމަތީގައި މަސްވެރިންގެ ރައްކާތެރިކަން އިތުރުކުރުމާއި، ދޯނީގައި މަސް ގިނަދުވަހު ރައްކާކުރެވޭނެ ގޮތްތަކާއި، މަސް ބޭނުމުގެ ތެރޭގައި މަހަށްލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި، ފަސޭހައިން ދޯންޏަށް މަސްއަރުވާ ބޭލޭނެގޮތްތަކާއި، މަސްއައިން ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ގިނަދުވަހަށް އެން ރައްކާކުރެވޭނެ ގޮތްތަކާއި، ތެލަށް ކުރާ ޚަރަދު ކުޑަކުރުމާއި، އަދި ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް ކުރެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކުރެވިފައެވެ. މިނިސްޓްރީން ބުނީ، އަލަށް ފަރުމާކުރެވޭ މަސްވެރި އުޅަނދު ވާނީ މަތީގައިވާ ކަންތައްތަކަށް ރިއާޔަތް ކުރެވިގެން ފަރުމާކުރެވޭ އުޅަނދަކަށެވެ.
މި މަޝްރޫޢަކީ، ކުރިއަށް އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބިނާކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ޚަރަދުކުޑަ އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނާއި މަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އިޤްތިޞާދީ ކުރިއެރުންތައް ލިބިގެންދާނެއެވެ. މީގެ އިތުރުން، މަސްވެރިކަމަކީ ފައިދާހުރި ވަޒީފާއެއްގެ ގޮތުގައި ކުރެވޭނެ ދާއިރާއެއްގެ ގޮތުގައި ދައްކުވައިދީ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި ކަޅުބިލަމަހުގެ ވާދަވެރިކަން އިތުރުކުރުމަކީވެސް މި މަޝްރޫޢުގެ މުހިއްމު ބޭނުމެކެވެ.މި ޒަމާނީ މަސްވެރި އުޅަނދަކީ، ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، މުޖުތަމަޢާއި ތަރައްޤީގެ ކުރިމަގަށް ކުރާ ސްޓްރެޓީޖިކް އިންވެސްޓްމަންޓެއްކަން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށްޓަކައި، މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއެކު މިހާރުވަނީ ގެޒެޓްގައި އިއުލާންކުރެވިފައެވެ. މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 18 ޑިސެމްބަރު 2025 ވަނަ ދުވަހުގެ 14:00 (ދެ ގަޑި ސުންމިނެޓް) އެވެ. މި މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އަދި ޖޮއިންޓް ވެންޗަރގެ ގޮތުގައިވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
ޓްރާންސްފޯމް މަޝްރޫއަކީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި، އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމާޒުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ސިންދަފާތު ކުރުމަށް ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އޮންނަ އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ.
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަނޑު ރާއްޖެ އާއެކު އިތުރު 11 ގައުމަކުން ހިއްސާކުރެ އެވެ. އެއީ, ކެންޔާ، މޮޒަމްބީކް، ސޯމާލިއާ، ދެކުނު އެފްރިކާ، ޓެންޒޭނިއާ، ޔަމަން، ކޮމޮރޯސް، ލާ ރިޔޫނިއަން، މަޑަގަސްކަރަ، މޮރިޝަސް އަދި ސީޝެލްސްއެވެ.