ފުވައް މުލައް ސިޓީގެ ވަދު ކަނދުފަތި އަލުން އަޅައިފި އެވެ.
ފުވައް މުލައްސިޓީގައި ވަދު ނަނުގެ މަސްވެރިކަމަށާއި، މުނި ފޫހި ފިލުވުމުގެ މަސްވެރިކަމަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅާފައިވަނީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެތެރޭގައެވެ. މި ކަނދުފަތި ކަނޑައިގެންގޮސް އޮންނަތާ ދުވަސްތަކެއް ވެފައިވަނިކޮށް، އަލުން ކަނދުފަތި އަޅާފައިވަނީ މިއަދު ހެނދުނުއެވެ.
ފިޝަރީޒް މިނިސްޓްރީން ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ދަތުރުގައި މިއަދު ފުވައްމުލައް ސިޓީގެ ވަދު ކަނދުފަތި އަޅާފައިވަނީ، ކުރިންވެސް ކަނދުފަތި އަޅާފަ އޮތް ސަރަހައްދުކަމަށްވާ، ފުވައްމުލައް ސިޓީގެ ހުޅަނގުން 6 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަންބަރަކީ Q09V01 އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން އިއްޔެވެސް ވަނީ ފުވައްމުލައް ސިޓީގައި އިތުރު ވަދު ކަނދުފައްޗެއް އަޅާފައެވެ. އެ ވަދު ކަނދުފަތީގެ ނަންބަރަކީ،Q10V01-01 އެވެ. އަ ކަނދުފަތި އެޅީ އެ ސިޓީގެ އިރުން 10 މޭލު ބޭރުގައެވެ.
މި ވަދު ކަނދުފަތިތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އެސިޓީގެ މަސްވެރިންނާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތަކަށް، ލުއިފަސޭހަކޮށްދިނުމުގެގޮތުން،ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.