މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-1 ކޯހުގެ އާ ބެޗެއް އަންނަ މަހު މާލެ ސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ.
އެމްޓީއައިއިން ބުނީ، މި ކޯސް ފަށަން ހަމަޖެހިފައިވަނީ، އޯގަސްޓްމަހުގެ 2 ވަނަ ދުވަހު އެމްޓީއައިގެ މާލޭ ކޭމްޕަހުގައި ކަމަށާއި، މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކުރެވޭނެއެވެ. އަދި admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެއެވެ.
150 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގެ އަގަކީ 5500 ރުފިޔާ އެވެ. ދިވެހި ބަސް ލިޔަން ކިޔަން އިނގޭ އަދި ބޭސިކް ހިސާބު ހަދަން އިނގޭ ކޮންމެ ފަރާތަކައްއްވެސް މި ކޯހުގައި ބައިވެރިވެވިދާނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.
ފުރިހަމަ ތަޖުރިބާކާރު އިލްމާއި ހުނަރު ހާސިލުކުރުމަށް މަގުފަހިކޮށްދިނުމުގެ އަޒުމުގައި އެމްޓިއައިއިން ކުރިއަށްގެންދާ މިކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން،
އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އާންމު ދޯނީގެ މައުލޫމާތު ދަސްކޮށްދޭނެކަމަށް އެމްޓިއައިން ބުނެފައިވެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ކޮންމެ އުޅަނދެއްގެ ކެޕްޓަންކަމުގެ ލައިސަންސް ނެގުމަށް މަގުފަހިކޮށްދޭ މިކޯހަކީ، މިނިސްޓްރީ އޮފްް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ހުއްދައާއެކު ކުރިޔަށްގެންދާ ކޯހެކެވެ.
އެމްޓީއައިއިން ވަނީ މިދިޔަ ހަފުތާގައި މާލެ ސިޓީގައި އަދި ބ. ފެހެންދޫގައި ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-2ގެ ކޯސް ކުރިޔަށް ގެންގޮސްފައެވެ. އަދި ކަނޑު ދަތުރުކުރާ ފަޅުވެރީންގެ ކޯސް ގެ އާ ބެޗެއް މާދަމާ މާލޭގައި ފެށުމަށްވަނީ ތައްޔާރުވެފައެވެ. އަންނަ އޯގަސްޓްމަހުގެ ކޯސް ޝެޑިއުލްއަށް ބަލާއިރު، އޯގަސްޓްމަހުގެ ދެވަނަ ދުވަހު ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-1 އަދި އޯގަސްޓް 5ގައި މެރިން މެކޭނިކް ކޯސް ގެ އާ ބެޗެއް މާލޭގައި ފެށުމަށް ވަނީ ރާވާފައެވެ.