ލ.މާބައިދޫ ކައުންސިލުން ކޮންމެ އަހަރެއްގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަސްރޭހަކީ މާބައިދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދެމެހެއްޓުމަށާއި ސްޕޯޓްސް ފިޝިން އަށް ރަށުގެ ޒުވާނުން އަހުލުވެރި ކުރުމަށް ބާއްވާ މަސްރޭހެކެވެ. އަދި، މާބައިދޫއަކީ ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުމުގެ ފުރުޞަތު ފަހި ރަށަކަށްވެފައި ރަށުން ލޯކަލް ޓްވަރިޒަމަށް ބިން ދޫކުރެވި އެމަސައްކަތް ފެށިގެންދާއިރު ސްޕޯރޓްސް ފިޝިންގައި ހަރަކާތްތެރިވާނެ ބަޔަކު އުފެއްދުމަކީވެސް މަސްރޭސް ބޭއްވުމުގެ މަގުސަދެއްކަމަށް ކައުންސިލުން ބުންޏެވެ. މިއަހަރުގެ މަސް ރޭހަކީ ކައުންސިލުން ބާއްވާ ތިން ވަނަ މަސްރޭހެވެ. ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 1447 ވަނަ އަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަހު ހަވީރު 15:00 އިން ރޭގަނޑު 21:00 އަށެވެ.
ކައުންސިލުން ބުނީ، މަސްރޭހުގައި ބައިވެރިވުމުގެ ފޯމާއި ޤަވާއިދު ކައުންސިލުގެ ފޭސް ބުކް ޕޭޖާއި ކޮމިއުނިޓީ ގްރޫޕުން ލިބެން ހުންނާނެކަމަށާއި، ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 16 މާރޗް 2026 ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް އެދޭކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ޓީމަކުންވެސް 250 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކޮންމެ ޓީމެއްގައިވެސް ގިނަވެގެން ހިމެނޭނީ 7 ބައިވެރިން ނުވަތަ މަދުވެގެން 4 ބައިވެރިންކަމަށާއި، އުޅަނދު ދުއްވާ ފަރާތްވެސް ހިމެނޭނީ ޓީމުގެ މެންބަރެއްގެގޮތުގައި ކަމަށް ކައުންސިލުން ބުންޏެވެ. ސުކޫލު ނިމި 18 އަހަރުންމަތީގެ ދެޖިންސުގެ، ރަށުގަ ދިރިއުޅޭ ކޮންމެ މީހަކަށްވެސް މުބާރާތުގައި ބައިވެރިވެވިދާނެއެވެ. މީގެއިތުރުން ރަށުގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކުގެ އަނބިން ފިރިން އަދި ދަރިން 18 އަހަރު ފުރިފައިވާ ނަމަ މި މުބާރާތުގައި ބައިވެރި ވެވޭނެކަމަށް ކައުންސިލުން ބުންޏެވެ. އަދި، ރަށުންބޭރު ދެފަރާތެއްވެސް ޓީމުގައި ހިމެނިދާނެކަމަށް މަސްރޭހުގެ ގަވައިދުގައި ބުނެފައިވެއެވެ.












