މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ “ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް އަވަށްޓެރި ސްރީލަންކާއަށް ތައާރަފުކުރެވުމަކީ، ކުންފުނީގެ ވިޔަފާރި ބައިނަލްއަޤްވާމީ ބާޒާރުގައި ފުޅާކުރުމަށް ކަނޑައަޅާފައިވާ އިސްތިރާޖީގެ ދަށުން ހޯދުނު މުހިންމު ކާމިޔާބީއެއްކަމަށް، މިފްކޯގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.
“ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ސްރީލަންކާއަށް ރަސްމީކޮށް އިފްތިތާހުކުރުމުގެގޮތުން މިއަދު ކޮލޮމްބޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިފްކޯގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު އަނަސް ވިދާޅުވީ މިއީ އެކުންފުނީގެ ވިޔަފާރި ބައިނަލްއަޤްވާމީ ބާޒާރުގައި ފުޅާކުރުމަށް ކަނޑައަޅާފައިވާ އިސްތިރާޖީގެ ދަށުން ހޯދުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ސްރީލަންކާއަށް “ފަސްމީރު” ބްރޭންޑް ތަޢާރަފުކުރުމަކީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިތުރަށް ފުޅާކުރުމަށާއި، ރާއްޖެއިން ކުރަމުންދާ ތިމާވެއްޓާ ރައްޓެހި މަސްވެރިކަން އިޝްތިހާރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ އަނަސްގެ ވާހަކަފުޅުގައި، މިފްކޯއިން އަބަދުވެސް އިސްކަންދެނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށާއި، ސަރަޙައްދީ އަދި ދުނިޔޭގެ ބާޒާރުތަކަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމަށްކަން ފާހަގަކުރެއްވިއެވެ.
“ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ސްރީލަންކާއަށް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅުންނާއި، މަސްވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މީގެ ތެރޭގައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އާއި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު އާއި، މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ހިމެނިވަޑައިގަންނަވައެވެ.
ސްރީލަންކާއަށް “ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ރަސްމީކޮށް ތަޢާރަފުކުރެވުނީ ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯން ޕްރައިވެޓް ލިމިޓެޑް (ޑީއައިސީއެލް) އާއެކު ވެފައިވާ “އެކްސްކްލޫސިވް ޑިސްޓްރިބިއުޝަން” އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން، ސްރީލަންކާގެ ހޮޓާ، ރެސްޓޯރެންޓް އަދި ކޭޓަރިންގ ދާއިރާއަށް “ފަސްމީރު” ގެ އުފެއްދުންތައް ފޯރުކޮށްދިނުމާއި، ރީޓެއިލް އަދި ހޯލްސޭލް ބާޒާރަށް މި އުފެއްދުންތައް ނެރުމަށް ވަނީ ހަމަޖެހިފައެވެ.