މިއަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) ރޭޓްގައި ޑީސަލް ވިއްކަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ މަސްވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއްވާފަ އެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ އެކި މަޝްރޫއުތަކާއި، މަސްވެރިންނަށް ސަރުކާރުން ފަހިކޮށްދޭ އެކި ފުރުސަތުތައް އެމަނިކުފާނު ބަޔާންކުރެއްވި އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މަސްވެރިންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ތެޔޮ ހޯދުމުގެ މައްސަލަ ހައްލުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއެވެ. އެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިއަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅަކުން އެސްޓީއޯގެ ރޭޓްގައި ޑީސަލް ތެޔޮ ލިބޭނެކަމުގެ ޔަގީންކަމެވެ.
”އަޅުގަނޑު ވައުދު ވެފައިވާގޮތަށް މަސްވެރިންނާއި އޮޑިވެރިން އަދި އާންމު ފަރުދުުންގެ ފައިދާއަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްކިޑް ގާއިމުކޮށް, އެސްޓީއޯ ރޭޓްގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެ.“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ ރޭޓުގައި އާންމު ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެވައުދާއެއްގޮތަށް ހުޅުމާލެ، ކ. ހިންމަފުށި، ގއ.ކޫއްޑޫ، ޅ.ފެލިވަރު، އައްޑޫ ސިޓީ ހުޅުމީދޫގެ އެފްއެސްއެމްގެ ސައިޓުތަކުން މަސްވެރިންނަށް އެސްޓީއޯގެ ރޭޓުގައި ޑީސަލް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފަ އެވެ.
ދިވެހިރާއްޖޭގެ ހުރިހައި އަތޮޅަކުން މަސްވެރިންނަށާއި، އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ)އިންވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 7ވަނަ ދުވަހު ”ފިއުލް ސްޓޯރޭޖް“ ގާއިމު ކުރުމުގެ ޚާއްސަ މަޝްރޫއެއް ފަށާފަ އެވެ.
މަޝްރޫއުގެ ދަށުން ތެލުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ރަށްތައް:
ހއ. އިހަވަންދޫ
ހދ. ހަނިމާދޫ












