ފިޝަރީޒް އެންޑް ބަޔޯޑައިވަރސިޓީ ބިޔޮންޑް ނޭޝަނަލް ޖުރިސްޑިކްޝަން(ބީބީއެންޖޭ) އެއްބަސްވުމަކީ ކަނޑުތަކުގެ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގައި ހުރި މުހިންމު ހުސްކަންތައް ފުރުމުގެ ފުރުޞަތެއްގެ ގޮތުގައި ދެކިލައްވާކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝިނާން ވިދާޅުވެއްޖެއެވެ.
ޝިނާން މިހެން ވިދާޅުވީ ބީބީއެންޖޭ މުއާހަދާއަށް އަމަލުކުރަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ 18 އިން 29 އަށް އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ ޕްރެޕޭޓަރީ ކޮމިޝަންގެ ދެވަނަ ސެޝަންގެ ހަވާސާގައި ބޭއްވެވި ޕެނެލް ޑިސްކަޝަންއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ”ބީބީއެންޖޭ ޕްރެޕްކޮމް 2“ ގެ ހަވާސާގައި އިއްޔެ ބޭއްވި މި މި އިވެންޓަކީ ބީބީއެންޖޭއާއި މަސްވެރިކަމާއި ގުޅޭނެހިސާބު ދެނެގަތުމަށް ބޭއްވި އިވެންޓެކެވެ. މި އިވެންޓުގައި، ޕެނެލިސްޓެއްގެ ގޮތުން ބައިވެރިވަޑައިގެން ޝިނާންވަނީ، ދިވެހި މުޖުތަމަޢުތައް ކަނޑާ ގުޅިފައިވާ މިންވަރު؛ އަދި ކަނޑުގެ ދުޅަހެޔޮކަން އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ދެމިއޮތުމާ ގުޅިލާމެހިފައިވާ ގޮތް ހާމަކޮށްދެއްވާފައެވެ.
ޝިނާންގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ގިނަ ކުދި ޖަޒީރާ ޤައުމުތަކަށް ވެސް، ކަނޑަކީ ހަމައެކަނި އެ މުޖުތަމައުތައް ހިމާޔަތްކުރާ ނުވަތަ ބަލަހައްޓާ އެއްޗެއް ނޫންކަމާއި ކަނޑަކީ ދިރިއުޅުމުގެ ބައެއްގެގޮތުގައި ސިފަކުރެއްވިއެވެ.
”ކަނޑަކީ އަޅުގަނޑުމެންނަށް ކާންދޭ، ވަޒީފާ ދޭ، އަދި އަޅުގަނޑުމެން ދިރިތިބުމަށް މަގުފަހިކޮށްދޭ އެއްޗެއް. އެއީ އަޅުގަނޑުމެންގެ ސަގާފަތާއި ދިރިއުޅުން. އަދި އެއީ އަޅުގަނޑުމެން މުޅި ދުނިޔެއާ ގުޅުވައިދޭ އެއްޗެއް.“ ޝިނާން ވިދާޅުވިއެވެ.
މިކަން ސާބިތުކޮށްދެއްވުމުގެގޮތުން ޝިނާން ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނައިރު، ރާއްޖޭގެ މަސައްކަތްތެރިންގެ 20 އިންސައްތަ މަސްވެރިން ހިއްސާކުރަމުން އަންނަކަމަށެވެ. އަދި، ރާއްޖޭގެ އެކްސްޕޯޓްގެ 98 އިންސައްތަ އަކީ މަސްކަމަށްވުމާއެކު ކަންނެލި މަހަކީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫންކަމަށް ޝިނާން ވިދާޅުވިއެވެ.
”މަހަކީ އަޅުގަނޑުމެންގެ ކެއުން، ހެނދުނު ސައި، މެންދުރު ކެއުން އަދި ރޭގަނޑުގެ ކެއުން. އަޅުގަނޑުމެން އަހަރަކު މީހަކަށް 154 ކިލޯ ކަންނެލި މަސް ކައިއުޅެނީ. އެހެންވީމާ، އަޅުގަނޑުމެން ކަނޑާ ގުޅިފައިވާ މިންވަރާއި، ކަނޑުން އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އުފެދި ތަރައްޤީވާ މިންވަރު އެއިން ދޭހަވޭ. އަދި އެއީ އަޅުގަނޑުމެން އަބަދުވެސް ކަނޑުގެ ވެރިކަން ކުރުމުގައި، އެއީ ހިމާޔަތްކުރުމުގައި ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގައި ކުރިއަށް ތިބޭ ސަބަބަކީ.“ ޝިނާން ވިދާޅުވިއެވެ.
ކަނޑު ހިމާޔަތްކުރުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތައް އިޝާރާތްކުރައްވައި ޝިނާން ވިދާޅުވީ، 2011 ވަނަ އަހަރު ރާއްޖެ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނާ ގުޅުނީއްސުރެ، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމާއި، ބެލެހެއްޓުމާ ގުޅޭ 52 ހުށަހެޅުމެއް ހުށަހަޅާފައިވާކަމަށާއި، އޭގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ބައިކެޗް، ކަނޑުމަސް އަދި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމާއި، އަދި އިންޑިއާ ކަނޑުގައި ހުރިހާ ކަހަލަ ކަންނެއްޔަށް ހިފޭނެ މިންވަރު ކަނޑައެޅުމާގުޅޭ ހުށަހެޅުންތައް ހިމެނޭކަމަށެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖެއިން ސައިންސަށް ވެސް ހިއްސާކޮށްފައިވާކަން ބަޔާންކުރައްވައި، ޝިނާން ވިދާޅުވީ،
ކަނޑު ދުޅަހެޔޮކަމާއެކު ބެހެއްޓުމާއި، އަޅުގަނޑުމެންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ވަސީލަތްތައް ދެމެހެއްޓުމުގެ މި ޒަރޫރީ ބޭނުމަކީ، ބީބީއެންޖޭ މުއާހަދާ ތަސްދީޤުކުރި އެންމެ ފުރަތަމަ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމަކަށް ރާއްޖެވުމަށް މަގުފަހިކުރި ސަބަބުކަމަށެވެ. އަދި ބީބީއެންޖޭއަކީ، ކަނޑުތަކުގެ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގައި ހުރި މުހިންމު ހުސްކަންތައް ފުރުމުގެ ފުރުޞަތެއް ކަމުގައި ދެކިލައްވާކަމަށް ވިދާޅުވިއެވެ.
ޝިނާންގެ ވާހަކަފުޅުގައި، ބީބީއެންޖޭ އެއްބަސްވުމުގެ ސަބަބުން ލިބިގެންދާ ތަފާތު ފުރުސަތުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އާރްއެފްއެމްއޯތަކާއި، ގިނަ ޤައުމުތަކާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމުގެ އެއްބަސްވުންތައް ހިމެނޭ ގޮތަށް، އެކި ވަސީލަތްތަކާއި، އޮނިގަނޑުތަކާއި އަދި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކުރުމާއި،ކުދި ޖަޒީރާ ޤައުމުތަކަށް ހަމައެކަނި މޭޒުދޮށުގައި ގޮނޑިއެއް ލިބުމުގެ ބަދަލުގައި، ފުރިހަމައަށް އަދި މާނަހުރި ގޮތެއްގައި ބައިވެރިވެ ވަކާލާތުކުރުމުގެ ފުރުސަތު ކަށަވަރުކުރެވުުމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ މާހިރުންނާއެކު މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ޤައުމުތަކަށް ބާރު ދިނުން ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރުން އެއްބާރުލުމާއި، އިންސާފުވެރިކަމާއި އަދި ހަޤީޤީ ޤާބިލުކަން އިތުރުކުރުމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ބީބީއެންޖޭ މުއާހަދާ ތަންފީޒުކުރުމުން، އޭގެ ފައިދާ އެންމެންނަށް، ޚާއްޞަކޮށް ކަނޑާ އެންމެ ގާތުން ގުޅިފައިވާ މުޖުތަމައުތަކައް ކުރާނެކަން ކަށަވަރުކުރެވޭނެކަމަށް ޝިނާން ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެންމެން ތެދުވެރިކަމާއެކު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ބީބީއެންޖޭ މުއާހަދާ ވުޖޫދަށް އަންނަނީ މިހާރުވެސް ތަފާތު މެންޑޭޓްތަކާއެކު އެތައް ސަރަޙައްދީ މަސްވެރިކަން ބެލެހެއްޓުމުގެ ޖަމްޢިއްޔާތަކެއް ހަރަކާތްތެރިވަމުންދާ ދާއިރާއެއްގައިކަން. މިއީ، މިކަން ތަކުރާރުވުމެއް ކަމުގައި ހީވެދާނެ. ނަމަވެސް، އަޅުގަނޑުމެންނަށް އެއްބާރުލުމާއި ވިލަރެސްކުރުމުގެ ނިޒާމުތައް ރަނގަޅަށް ހަމަޖެއްސިއްޖެނަމަ، އަޅުގަނޑުމެން މިއީ ފުރުޞަތެއްގެ ގޮތުގައި ދެކެން.“ ޝިނާން ވިދާޅުވިއެވެ.
ޝިނާންގެ ވާހަކަފުޅުގައި ބީބީއެންޖޭ އަށް އަމަލުކުރަންޖެހޭ ގައުމުތަކުގެ ތަންފީޒީ ފެންވަރުގެ ވެރިންނަށް އޭގެ މައުލޫމާތު އެކަށިގެންވާ މިންވަރަށް ނޭގޭކަން ބަޔާންކުރައްވައި، އެއީ ކަންބޮޑުވާންޖެހޭކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމާއި ދިރޭތަކެތީގެ ނަސްލުތަކާ ބެހޭ ދާއިރާތަކުން އަބަދުވެސް އެއް ބަހުރުވައަކުން ސަރުކާރުތަކުން ވާހަކަދައްކާފައިނުވާކަމަށާއި، ޚުދު ސަރުކާރުތަކުގެ ތެރޭގައި ވެސް، މަސްވެރިކަމާއި ތިމާވެށީގެ އިދާރާތަކުން އެއް ބަހުރުވައަކުން ވާހަކަ ނުދައްކާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕްރެޕްކޮމް-2 ސެޝަން ކުރިޔަށް މިދަނީ އެފަދަ ވިލަރެސްކުރެވޭނެ ނިޒާމެއް ނެތް ދަނޑިވަޅެއްގައިކަން ފާހަގަކޮށް، އެސްޓީބީއިން ފެށިގެން، ސެކްރެޓޭރިއެޓުން އަދި ސީއޯޕީގެ ވެރިކަން ހިންގުމުގެ ނިޒާމުތަކާ ހަމައަށް ޙަޤީޤީ ބައިވެރިވުމެއް އޮންނަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އާރްއެފްއެމްއޯތަކާއެކުވެސް އެއްބާރުލުމުގެ ނިޒާމުތަކަށް އިސްކަންދޭން ދޭންޖެހޭކަމަށާއި، ގިނަ އާރްއެފްއެމްއޯތަކުން މިހާރުވެސް ކުރިއަށްގެންދާ ޤާބިލިއްޔަތު އިތުރުކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތުތައް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.
”އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޑަބްލިއުސީޕީއެފްސީ އާއި އައިއޯޓީސީ އިން މިކަން ކުރޭ. ސެކްރެޓޭރިއެޓުން ޤާބިލިއްޔަތު އިތުރުކުރުމަށް، އޭގެ ތެރޭގައި މަޢުލޫމާތު އެއްކުރުމުގެ ނިޒާމުތަކާއި ތަފާސްހިސާބުގެ މަޢުލޫމާތު ހިމެނޭގޮތަށް، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރޭ. އެހެންކަމުން، ތަކުރާރުވުން މަދުކުރުމަށްޓަކައި މިހާރުވެސް ޤާއިމުކުރެވިފައިވާ އެ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްދިއުމަކީ މުހިންމު ކަމެއް. އަޅުގަނޑުމެން މި ޕްރެޕްކޮމްއިން އެއްބާރުލުމާއި އެކުވެރިކަމާ ބެހޭގޮތުން ފޯރުކޮށްދޭ ނުވަތަ ދޭ އިޝާރާތްތައް، އެއީ ސެކްރެޓޭރިއެޓް ހޯސްޓްކުރުމުން ފެށިގެން ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރުމުގެ ނިޒާމުތަކާއި އެއްބާރުލުމުގެ ނިޒާމާ ހަމައަށް، އައިއެފްބީތައް ނުވަތަ އާރްއެފްއެމްއޯތައް އިސްތިސްނާ ނުކުރެވޭކަމާއި، އެ ފަރާތްތައް މި މަސައްކަތުގައި ހިމެނޭކަން ދޭހަވާ ރަނގަޅު އިޝާރާތެއް ދިނުމަކީ މުހިންމު ކަމެއް.“ ޝިނާން ވިދާޅުވިއެވެ.
ޝިނާން ވިދާޅުވީ، ދިވެހިރާއްޖޭގެ ހާލަތައް ބަލާއިރު، ރާއްޖެއިން ސައިންޓިފިކް މަސައްކަތްތަކުގައި ބައިވެރިވުމުން، މިކަމުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ޤާބިލިއްޔަތުކަން އިތުރުވެ، ދިވެހި ސަރުކާރަށް ވެސް ޤާބިލިއްޔަތު އިތުރުކުރުމަށް ބާރުއެޅެއެވެ. އަދި ބީބީއެންޖޭ އިންސާފުވެރިކަމާއެކު ތަންފީޒްކުރެވޭނަމަ އޭގެ ފައިދާ ރާއްޖެފަދަ ކުޑަ ޒަޒީރަތަކައް ކުރާނެކަމަށް ޝިނާން ވިދާޅުވިއެވެ.
”މަސްވެރިކަމާއި ދިރޭތަކެތީގެ ނަސްލުތަކަކީ ވަކި ދެ ދުނިޔެއެއް ނޫން. އަޅުގަނޑުމެން މި ވާހަކަދައްކަނީ އެއް ކަނޑަކާ ބެހޭގޮތުން. ތިޔަ ބޭފުޅުން ޑަބްލިއުބީއެންޖޭ އެއްބަސްވުމާ ކުރިމަތިލައްވަނީ އެއްބާރުލުމާއި، އިންސާފުވެރިކަމާއި، އަދި ޙަޤީޤީ ޤާބިލިއްޔަތު އިތުރުކުރުމާއެކުގައި ކަމުގައިވާނަމަ، އަޅުގަނޑުމެން އެންމެންނަށް މީގެ ފައިދާ ކުރާނެ. ޚާއްޞަކޮށް އަޅުގަނޑުމެންފަދަ ޤައުމުތަކަށް.“ ޝިނާން ވިދާޅުވިއެވެ.
މި އިވެންޓުގައި ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ މަސްވެރިކަމުގެ މާހިރުން ބައިވެރިވިއެވެ. މި އިވެންޓުގައި، ބީބީއެންޖޭ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމަށް ކުރާނެ އަސަރުތަކާއި، މި އެއްބަސްވުން ތަންފީޒުކުރުމުގައި މަސްވެރިކަން އެކުލެވިގެންވާ ގޮތާއި، އަދި ބީބީއެންޖޭ އެއްބަސްވުމާއި މަސްވެރިކަމާ ދެމެދު ވަރުގަދަ އެއްބާރުލުމެއް އޮތުން މުހިންމުވާ ސަބަބުތައް ބަލައި ދިރާސާކުރުން ހިމެނެއެވެ. މި އިވެންޓްގެ ޕެނެލިސްޓުންގެ ގޮތުގައި ޝިނާންގެ އިތުރުން، ޑަބްލިއުސީޕީއެފްސީގެ އެގްޒެކެޓިވް ޑިރެކްޓަރ ރިއާ މިސް ކްރިއަސްޓިއަންއާއި،ނިއުޒީލެންޑްގެ މިނިސްޓްރީ އޮފް ޕްރައިމަރީ އިންޑަސްޓްރީސް އަދި އެފްއޭއޯގެ ފިޝަރީޒް ކޮމިޓީގެ ޗެއަރކަމުގައިވާ އެޑަމް ބެރީއާއި، އިންޓަނޭޝަނަމް ކޯލިއަޝަން އޮފް ފިޝަރީޒް އެސޯސިއޭޝަންގެ ޗެއަރ އިވާން ލޮޕޭޒް ބައިވެރިވަޑައިގެންނެވިއެވެ.
މި ޕެނެލް އިފްތިތާހުކޮށްދެއްވީ އެފްއޭއޯގެ ސީނިއަރ ފިޝަރީޒް އޮފިސަރ އަދި ފިޝަރީޒް ކޮމިޓީގެ ސެކްރެޓަރީ އެލިސްމެކް ޑޮނާލްޑްއެވެ. އަދި ޕެނެލް މޮޑަރޭޓްކުރެއްވީ ރީޖަނަލް ފިޝަރީޒް ބޮޑީސް ސެކްރެޓަރިއެޓްސް ނެޓްވޯކްގެ ޗެއަރ ޑޯރިއަސް ކޭމްޕްބެލް އެވެ.