ބ. އޭދަފުށީ ބަނދަރު ފަރުމާކުރުމާއި ބިނާކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި، މިހާރު ކުރިޔަށްދަނީ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އެތުރުމުގެ މަސައްކަތްކަމަށެވެ.
އޭދަފުށީ ބަނދަރު މަޝްރޫގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ 22 ޖޫން 2023 ގައެވެ. މިއީ 64.67 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މިހާރު ހުރި ބަނދަރު 28,304 ކިއުބިކް މީޓަރަށް ފުންކުރުމާއެކު، ބަނދަރުގެ ޗެނަލް 3,354 ކިއުބިކް މީޓަރަށް ފުންކުރުން ހިމެނެއެވެ. އަދި 402 މީޓަރުގެ ކީވޯލެއް، 170 މީޓަރުގެ ބްރޭކްވޯޓަރެއް، 383 މީޓަރުގެ ރިވެޓްމަންޓެއް، 11×11 މީޓަރުގެ ކޮންކްރީޓް ރޭމްޕެއް، އަދި 18×2 މީޓަރުގެ ކޮންކްރީޓް ބްރިޖެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން، 1,814 އަކަ މީޓަރުގެ ބަނދަރު ޕޭވްމަންޓް އެޅުމާއި، ބަނދަރު ބައްތިތަކާއި، މޫރިންގ ބޮއިތައް ހަރުކުރުމާއި، ހައިސްޕީޑް ފެރީ ނެޓްވޯކަށް އެކްސެސް ޕްލެޓްފޯމެއް ހެދުން ހިމެނެއެވެ.
މުޅި މަޝްރޫއަށް ބަލާއިރު މިހާރު %44 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.