މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި އެވެ.
މިއަދު މިފްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެކުންފުނީގެ މަސް ގަންނަ ސެންޓަރުތަކާއި، ބޯޓު ފަހަރުތަކުން ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން މިފްކޯއަށް މަސް ކިރާ ހުރިހައި ފަރާތްތަކަށް މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 27.34ރ އަށް ކަމަށް މެމޯގައި ބުނެފައި ވެއެވެ.
މާޗް މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމަޔަށް މިފްކޯއަށް މަސް ކިރާ އޮޑިފަަހަރަށް ތެޔޮ ވިއްކަމުން އައީ ލީޓަރެއް 16.54ރ ގެ މަގުންނެވެ. އެހެންނަމަވެސް މިއަދު އަގަށް މިގެނައި ބަދަލާއެކު، ޑީސަލް ލީޓަރަކުން މިވަނީ 10.80ރ ބޮޑުވެފައެވެ.
މިގެނައި ބަދަލާއެކު، މިއަދުން ފެށިގެން މިފްކޯއިން އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 28.54ރ އަށެވެ. އިއްޔެއާ ހަމަޔާށް އާންމު ފަރާތްތަކައް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 17.54ރ. އަށެވެ. މިއީ، 11ރ އިތުރުވުކެވެ.
މިފްކޯއިން ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައި މިވަނީ ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން(އެސްޓީއޯ) އިން ވިޔަފާރިތަކައް ވިއްކާ ތެލުގެ އަގު ބޮޑުކުރުމާގުޅިގެންނެވެ.