މަސްވެރިކަން ކުރަމުން އަންނަ އޮޑިފަހަރާއި، މަސްވެރިކަމަށް އަލަށް ބަންނަމުންދާ އުޅަނދުފަހަރުތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ ރެފްރިޖަރޭޓަޑް ސީ ވޯޓަރ(އާރްއެސްޑަބްލިއު) ސިސްޓެމް ގާއިމުކުރުމަށް ކުރިޔަށްގެންދާ މުރާބަހާ ފެސިލިޓީއާ ގުޅޭ މަޢުލޫމާތު ސެޝަންތަކަކާއި ތަމްރީނު ވޯކްޝޮޕެއް އައްޑޫ ސިޓީ ހިތަދޫގައި ބާއްވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ އާރު.އެސް.ޑަބްލިޔު ސިސްޓަމްތައް ހަރުކުރުމާއި، އެ ސިސްޓަމްތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމުގެ ފަންނީ ހުނަރުތަކެވެ. މީގެ އިތުރުން، ސިސްޓަމްގެ ފިނިހޫނުމިން ބެލެހެއްޓުމާއި، ފިނި ހިފެހެއްޓުމަށް ކުރަންޖެހޭ އިންސިއުލޭޝަން މަސައްކަތްތަކާއި، ހޮޅި އެޅުމުގެ ފަރުމާގެ އިތުރުން، ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ކަނޑުމަތީގައި ދިމާވާ އާންމު މައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމްކުރުމަކީ ލައިވްސް އެންޑް ލައިވްލީހުޑްސް ފަންޑް(ޢެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީތެރިކަމާއެކު، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މަސްވެރި އުޅަނދުފަހަރަށް ދެމެހެއްޓެނިވި އަދި ހަކަތައިގެ ޤާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހިންގާ މަޝްރޫއެކެވެ. މިނިޒާމުގެ ސަބަބުން،ބާނާ މަހުގެ ފެންވަރު ދެމެހެއްޓުމުގައި އަމިއްލަ ފުދުންތެރިކަން ހާސިލުކުރެވޭނެއެވެ.
”ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު“ ގެ ދަށުން އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް، މުރާބަހާ އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީ އެއް ވަނީ ހަމަޖައްސާފައެވެ. މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދެނީ، މަސްދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށާއި، ޖެނެރޭޓަރ ސެޓް ގަތުމަށާއި، ސޯލާ ޕަވަރ ޕެނަލް ސިސްޓަމް ގަތުމަށެވެ. މިފެސިލިޓީގެ ދަށުން، 2,000,000 ރުފިޔާ އާއި ހަމައަށް ފައިސާ ދޫކުރާއިރު، ފައިދާ ހިސާބު ކުރަނީ އަހަރަކަށް %6 ގެ މަގުންނެވެ. މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ދައްކައިދެނީ ސަރުކާރުންނެވެ. ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށް މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދޭއިރު، 6 މަސް ދުވަސް ގްރޭސް ޕީރިއެޑްގެގޮތުގައި ހަމަޖައްސައި ދެއެވެ.